ދެހާސް ސާދަ ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަށް މަހުގެ ބާވަތްތައް އެކްސްޕޯރޓް ކޮށްފައިވާ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ ތަފާތު 38 ޤައުމަކަށް މަހާ މަހުގެ އެކި ބާވަތްތައް އެކްސްޕޯރޓް ކޮށްފައިވެއެވެ.
މިގޮތުން އެކްސްޕޯރޓް ކޮށްފައިވާ ބާވަތްތަކަށް ބަލާއިރު ކަނޑުމަހާއި، ކަންނެލި އަދި ފިނިކޮށްފައިވާ ބާވަތްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ދިރޭ ފާނަވެސް އެކްސްޕޯޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް ދިރޭ ފާނަ ހަމަ އެކަނި އެކްސްޕޯރޓް ކޮށްފައިވަނީ ހޮންކޮންގް އަށެވެ. އެއީ 54767.1 ކިލޯގެ ދިރޭ ފާނަ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން މަހާ މަހުގެ ބާވަތްތައް އެކްސްޕޯރޓް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް މަހުގެ ބާވަތްތައް އެކްސްޕޯރޓް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް އާއި ސައުތު ކޮރެއާއެވެ. ތައިލޭންޑް އަށް 12546.63 މެޓްރިކް ޓަން (12,546,627.30 ކިލޯ) މަހުގެ އެކި ބާވަތްތައް
އެކްސްޕޯރޓް ކޮށްފައިވާއިރު ސައުތު ކޮރެއާއަށް 7053.06 މެޓްރިކް ޓަން (7,053,058.60 ކިލޯ) މަހުގެ އެކި ބާވަތްތައް އެކްސްޕޯރޓް ކޮށްފައިވެއެވެ. ރާއްޖެއިން އެންމެ ގިނައިން މަހުގެ އެކި ބާވަތްތައް އެކްސްޕޯޓް ކޮށްފައިވާ ތައިލޭންޑު އަދި ސައުތު ކޮރެއާއަށް އެންމެ ގިނައިން އެކްސްޕޯރޓް ކޮށްފައިވަނީ ފިނިކުރި ކަޅުބިލަ މަހާއި ރީދޫ އުރަހަ ކަންނެއްޔެވެ. އެގޮތުން ތައިލޭންޑަށް 7914.43 މެޓްރިކް ޓަން (7914433.00 ކިލޯ) ފިނި ކުރި ކަޅުބިލަމަސް އެކްސްޕޯރޓް ކޮށްފައިވާއިރު ސައުތު ކޮރެއާއަށް އެކްސްޕޯރޓް ކޮށްފައިވަނީ 5534.81 މެޓްރިކް ޓަން (5,534,805.00 ކިލޯ) ފިނިކުރި ކަޅުބިލަ މަހެވެ.
ހަމަ މި މުއްދަތުގައި ތައިލޭންޑަށް 4541.78 މެޓްރިކް ޓަން (4،541،777.00 ކިލޯ) ފިނިކުރި ރީދޫ އުރަހަ ކަންނެލި އެކްސްޕޯރޓް ކޮށްފައިވާއިރު ސައުތު ކޮރެއާއަށް 896.55 މެޓްރިކް ޓަން (896,548.00 ކިލޯ) ރީދޫ އުރަހަ ކަންނެލި އެކުސްޕޯރޓް ކޮށްފައިވެއެވެ. ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯރޓް ކުރާ ޤައުމުތަކުގެ %43 އިންސައްތަ ހިއްސާ ކުރަނީ ތައިލޭންޑްއިންނެވެ. ހަމަ މިމުއްދަތުގެ މަހުގެ ބާވަތްތަކުގެ 24 އިންސައްތަ އެކްސްޕޯރޓް ހިއްސާ ކުރަނީ ސައުތު ކޮރެއައެވެ.
ތައިލެންޑާއި ސައުތު ކޮރެއާ ފިޔަވައި ދެން އެންމެ ގިނައިން މަހުގެ ބާވަތްތައް އެކްސްޕޯރޓް ކޮށްފައިވާ ގައުމުތަކުގެ ތެެރޭގައި ހިމެނެނީ ޖަޕާން، ސްރީލަންކާ، ފްރާންސް، އަޔަރލޭންޑް ޔޫ.އެސް.އޭ އަދި ޖަރމަނީއެވެ. އެގޮތުން މަހުގެ ބާވަތްތަކުގެ އެކްސްޕޯޓްގެ %6 ޖަޕާން ހިއްސާ ކުރާއިރު ދެން އެންމެ ގިނެއިން އެކްސްޕޯރޓް ކޮށްފައިވާ ސްރީލަންކާއިން ހިއްސާކުރަނީ %5 އެވެ. އަދި ފުރާންސްއިންވެސް %5 ހިއްސާކުރާއިރު އަޔަރލޭނޑް އަދި ޔޫ.އެސް.އޭ އިން ހިއްސާ ކުރަނީ %3 އެވެ. ދެން އެންމެ ގިނައިން މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވާ ޖަރމަނީއިން ހިއްސާ ކުރަނީ މުޅި އެކްސްޕޯޓްގެ 2% އެވެ.
ރާއްޖެއިން 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކި ގައުމުތަކަށް އެކްސްޕޯރޓް ކޮށްފައިވާ ކަނޑުމަހުގެ އެކި ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯރޓް ކޮށްފައިވަނީ ފިނި ކުރި ކަޅުބިލަ މަހެވެ. އެއީ ޖުމްލަ 13898.92 މެޓްރިކް ޓަން ( 13,898,924.50ކިލޯ) ކަޅުބިލަ މަހެވެ.
މަސްދަރު: އަސްދަނޑި