ރާއްޖޭގައި ސަރަޙައްދީ 4 ހެޗަރީއެއް ޤާއިމު ކުރުމުގެ ވިސްނުން އެބަހުރި ކަމަށް މޯލްޑިވްސް މެރިން ރިސަރޗު އިންސްޓިޓިއުޓުން ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަަކަދައްކަވަމުން މޯލްޑިވްސް މެރިން ރިސަރޗު އިންސްޓިޓިއުޓުގެ ޑިރެކްޓަރ ޖެނެރަލް ޝާފިއާ ނައީމު ވިދާޅުވީ، ސަރަޙައްދީ 4 ހެޗަރީއެއް ޤާއިމްކުރުމުގެ ބޭނުމަކީ، މިއީ ފާނައަށް އަމާޒުކޮށްގެން ކުރާ މަސައްކަތަކަށްވާއިރު، މާރކެޓަށް ބޭނުންވާ ވަރަށް، އަބަދުވެސް ބާޒާރުގައި އެ އުފެއްދުން ލިބެން ހުންނާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
" ސަރަޙައްދީ 4 ހެޗަރީއެއް ޤާއިމްކުރުމަށްވެސް ޕްލޭންތަކުގައި އެބަހުރި، މީގެ އެއް ބޭނުމަކީ، މިއީ ފާނައަށް އަމާޒުކޮށްގެން ކުރާ މަސައްކަތެއް، ރާއްޖޭގެ ފާނައިގެ މެރިކަލްޗަރ ޕްރޮޑަކްޓުގެ މާރކެޓަށް ބޭނުންވާ ވަރަށް އަބަދުވެސް ޕްރޮޑަކްޓް ލިބެން ހުންނާނެ ގޮތަކަށް މަސައްކަތްތަށް ކުރިއަށް ގެންދިޔުން،" ޝާފިއާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު މެރިކަލްޗަރ ސިނާއަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ފިޝަރީޒް ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގެ ދަށުންނެވެ.
މެރިން ރިސަރޗު އިންސްޓިޓިއުޓުން ދަނީ މި ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އެގޮތުން ކ. މަނިޔަފުށީގައި މެރިކަލްޗަރ ތަމްރީން ދޭނެ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޝާފިއާ ވިދާޅުވީ މެރިކަލްޗަރގެ ދާއިރާއިން އެކްރެޑިޓުކޮށްފައިވާ ކޯސްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށެވެ.