މަސްވެރިކަމާއި ގުޅޭ

ތުނބަހަނދި

ތުނބަހަންޖަކީ ރާއްޖޭގެ ކަނޑުތަކުގައި 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރުމަހެކެވެ. ތުނބަހަންޖަކީ ފަތިކޮށް ހުންނަ މަހެކެވެ. އެހެނިހެން ގިނަ ހަނދުގެ ބާވަތްތަކަށްވުރެ ބޮޑަށް މަހުގެ ތުނބުގައި ބޯހަންފަށެއް ހުރެއެވެ. ދިވެހިން ކުރާ ދުވާލާއި ރޭގަނޑުގެ ކެޔޮޅުކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 28 އާއި 31 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިވަކިން ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއެކު 24 އާއި 26 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

ތުނބަހަނދީގެ ކުލައަކީ ރިހިއަޅިކުލައެކެވެ. ދިރޭމަހުގެ މަތީބައި ހުންނަނީ ފަނޑުފެހި ކުލައަކަށްދާ ކުލައެއްގައެވެ. މަހުގެ ދެއަރިމަތީގައި ގަދަރީނދޫކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިލައްތަކުން ގިނަލައް ހުންނަނީ މަހުގެދިގަށް ދެއަރިމަތީގައި ހުންނަ ހުޅުނބުރޮނގަށްވުރެ ތިރީގައެވެ. މަހުގެ ދެއަރިމަތީގައި ފަނޑުކޮށް ހުންނަ ފުޅާރޮނގުތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ހުދުކުލައެއްގައެވެ. މިމަސް އެންމެ ބޮޑުވަނީ 70 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ކަނޑުއަޑީގެ ވެލިގަނޑު ތެރޭގައި އުޅޭ ހަރުތޮށިލީ ދިރުންތަކާއި، ފަންޏާއި ކުދިމަހެވެ.

އިނގިރޭސި ނަން: Island trevally

މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!