މަސްވެރިކަމާއި ގުޅޭ

ރިތްމަސް

ރިތްމަހަކީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި ފުންވިލުވިލުގައި ވަރަށް ގިނައިން އުޅޭމަހެކެވެ.

ރަތްމަސް ޢާއްމުކޮށް އުޅެނީ ބޮޑެތިއައިން ހަދައިގެންނެވެ. ރަށްރަށުގެ ފަޅުފަޅަށް ވަދެއުޅޭ ރިތްމަސްގަޑު ދާ އަޅައިގެންވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިފާއުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ ވަރަށް ކަށިގިނަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސެންޓިމީޓަރަށެވެ.

މިއީ ދިގުކޮށް ވަށްކޮށްހުންނަ މަހެކެވެ. މަހުގެ ކަރުތާފަތްގަޑުގެ ތިރިން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރިބައި މަހުގެ ކަންފަތްގަޑަށްވުރެ ކުރުވާނެއެވެ. މަހުގެ ނިގޫފަތާދިމާއިން މަހުގެ މަތީގައްޔާއި ބަނޑުދަށްފަރާތުގައި ވަކިވަކިން ހުންނަ ކުދި ކޮތަރިބައެއް ހުރެއެވެ. ނިގޫކޮޅާއި ދިމާގައި ދިގުކޮށް ކުރަގަނޑެއްހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫކުލައަކަށްދާ ފެހިކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ކަރުތާފަތްގަޑުގެ ކަނުގައި ކަޅުކުލައިގެ ލަފެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. ނިގޫފަތުގެ ކުލައަކީ ރީނދޫކުލައަކަށްދާ ފެހިކުލައެކެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ ހުދުކުލައެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 31 އާއި 30 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކަށްޓަށްފަހު 1 އިތުރު ހަރުކަށްޓާއި 27 އާއި 31 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

އިނގިރޭސި ނަން: Mackeral scad
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!