މަހިމުގުރާމަކީ ރާއްޖޭގެ މަސްވެރިން ދޮށީގެ މަސްވެރިކަމަށް ބޭނުންކުރާ ދިރޭއެމުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.
ރާއްޖޭގައި އުޅޭ މުގުރާމުގެ ބާވަތްތަކުގެ ތެރޭގައި މިބާވަތަކީ ގިނައިން ފަރުފަރާއި ހާކަލުގެ ބޭރުގައި އައިންހަދައިގެން އުޅޭބާވަތެކެވެ. މިމަސް އެންމެ ބޮޑުވަނީ 35 ސެންޓިމީޓަރަށް ކަމުގައި ވިޔަސް ގިނައިން ފެންނަ އެންމެ ބޮޑެތިމަހުގައި ހުންނަނީ 25 ސެންޓިމީޓަރެވެ.
މަހުގެބޮލުގެމަތީގެ ބައްޓަމުގައި ކުޑަ ލެބުމެއްހުރެއެވެ. މަހުގެކަންފަތްގަޑު، ބޮލަށްވުރެ ކުޑަތަންކޮޅެއް ދިގުވާނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރީގައި 10 ހަރުކަށްޓާއެކު 15 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރީގެ ފުރަތަމަކަށި ކުރުވާނެއެވެ. އަދި ތިންވަނަކަށި އެހެންކަށިތަކަށްވުރެ ދިގުވާނެއެވެ.
މަހުގެ ބުރަކަށިމައްޗާއި ނިގުލުގެ ކުލައަކީ ރީނދޫކުލައެވެ. ޢާއްމުކޮށް މަހުގެ އަރިމަތީގެ ކުލައަކީ ނޫކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ މަޑު ފިޔާތޮށިކުލައެކެވެ. ނިގޫފަތުގެކޮޅުގައި މިޢާއިލާގެ އެހެން ބައެއް މަސްމަހުގައި ހުންނަހެން ކަޅުލަފެއް އަދި ނިގުލުގެ ދެކަފިވާތާގައި ކަޅު ދެރޮނގެއްނުހުރެއެވެ. މިއީ އޮއިމައްޗަށް ބައިހަދައިގެންތިބެ އޮޔާދާ ފަނިފަކުސަ ކައިހަދާމަހެކެވެ.
One Response
ފޮޓޯއިން ފެންނަނީ މަހި މުގުރާމެއްބާ؟ ނުވަތަ ދޮން ނޫމަހެއްބާ؟