ކަޅު ފޮނިޔަމަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި އެތެރެވަރީގެ ކަނޑުތަކުގައި 5 މީޓަރާއި 50 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ މަހެކެވެ.

ދިވެހި މަސްވެރިން ރޭގަނޑު ކުރާ ކެޔޮޅުކަމުގައި މިބާވަތް މަދުމަދުން ބޭނިފައި ހުރުން އެކަށީގެންވެއެވެ. ރާއްޖޭގައި ދެބާވަތެއްގެ ފޮނިޔަމަސް އުޅެއެވެ. ނަމަވެސް މިދެބާވަތް އެއްގޮތްކަމުން މަސްވެރިން މިދެބާވަތަށްވެސް ފޮނިޔަމަސް ކިޔާއުޅުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ކެއުމަށް މީރުމަހެކެވެ.

ކަޅުފޮނިޔަމަސް ރާއްޖޭގައި ގިނައިން އުޅޭ ފޮނިޔަމަހަށްވުރެ ކަޅުވާނެއެވެ. އަދި ފޮނިޔަމަހުގެ ބޮލުގައި ހުންނަ ރޮނގުތަކެއް މިބާވަތުގެ ފޮނިޔަމަހުގައި ނުހުރެއެވެ. މިދެބާވަތުގެ ފޮނިޔަމަހުގެވެސް ޅަމަސް ތިބެނީ ބޮޑެތިމަހާ ވަރަށް ތަފާތުކޮށެވެ. ކަޅުފޮނިޔަމަހުގެ ޅަމަހުގެ ކަރުތާފަތްގަޑާ ދިމާލުން ތިރީގައި ހުންނަކޮތަރި އާދަޔާ ޚިލާފަށް ދިގެވެ. މިއީ ސައިންޓިފިކްގޮތުން މުޅިންތަފާތު ދެބާވަތް ކަމަށްވުމާއެކު މިދެބާވަތަށް ވަކިދެނަމެއް ކިޔުމަކީ ކޮންމެހެން ބޭނުންކަމަކަށް ވާތީ މިމަހުގެ ސިފައަށް ވިސްނާ މިމަހަށް "ކަޅުފޮނިޔަމަސް” ކިޔާ ނަންދީފައިވަނީއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 10 މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 60 ސެންޓިމީޓަރަށް ކަމުގައިވިޔަސް ގިނައިން ފެންނަ މިބާވަތުގެ އެންމެ ބޮޑެތި މަހުގައި ހުންނަނީ 40 ސެންޓިމީޓަރެވެ.

އިނގިރޭސި ނަން: Midnight snapper
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!