ނޫމަސް

މިއީ ރަތްމަހުގެ ޢާއިލާގެ މަހެކެވެ. މިމަސް ޢާއްމުގޮތެއްގައި އުޅެނީ އަތޮޅުތަކުގެ ބޭރުދުނީގެ ފަރުތަކުގެ ބޭރުގައި ވަރަށް ފުނުގައެވެ.

ވުމާއެކު މިމަހަކީ އަޑިޔަށް ފައްތައިގެން ކުރާ ފަރުމަހުގެ މަސްވެރިކަމުގައި ވަރަށްވެސް މަދުންބޭނޭ ތަދުމަހެކެވެ. މިހާތަނަށް ރާއްޖެއިން މިބާވަތުން ރެކޯޑްކުރެވިފައިވަނީ އެންމެ މަހެކެވެ. އެއީ ކ. ހުޅުލޭގެ ބޭރުފަރާތުން ގާތްގަޑަކަށް 100 މީޓަރުގެއަޑިން ބޭނިފައިވާ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 40 ސެންޓިމީޓަރަށެވެ.

ނޫމަސް ޢާއްމުގޮތެއްގައި އުޅެނީ 50 މީޓަރާއި 200 މީޓަރާ ދެމެދުގެ ފުނުގައެވެ. މިއީ ދޮންނޫމަހާ ވަރަށް ވައްތަރު ސިފައެއް ހުންނަމަހެކެވެ. މިއީ ކެއުމަށް ބޭނުންކުރެވިދާނެ މަހެކެވެ.

ނޫމަހުގެ މަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 9 ނުވަތަ 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުދިގެވެ. އަދި ކަންފަތްގަޑުގައި 16 ނުވަތަ 17 މަޑުކަށިހުރެއެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގައި ހުޅުނބެއް ނުހުރެއެވެ. މަހުގެ ނިގޫފަތް ވަރަށްބޮޑަށް ކަފިކޮށްހުރެއެވެ.

މަހުގެ ކުލައަކީ ގަދަނޫކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދު ކުލައެއްގައެވެ. ކޮތަރިބައިތައް ހުންނަނީ ފަނޑުމުށިކުލައަކަށްދާ ރީނދޫކުލައެއްގައެވެ. ނުވަތަ ހުދުކުލައެއްގައެވެ.

އިނގިރޭސި ނަން: Blue snapper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!