ރަތް މޮޅު (ދޮން ފާނަ) - ފޮޓޯ: ރަސްމަގު 4

ފާނަ މަސްވެރިކަން ކުރާ ގޮތް

ވޭތުވެދިޔަ އަހަރުތަކުގައި، ފާނަ މަސްވެރިކަން ކުރާ ގޮތަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އައިސްފައިވެއެވެ.

ފާނަ މަސްވެރިކަން ފެށިގެން އައިއިރު މަސްވެރިކަން ކުރަނީ އުޅަނދުގައި ތިބެގެން ފައްތާ ނަނު (ވެއިޓެޑް ހޭންޑްލައިން) ބޭނުންކޮށްގެންނެވެ. ފާާނަ މަސްވެރިކަން ތަރައްޤީވެ ފީނުމަށް ބޭނުންކުރާ އާލާތްތައް (ސްނޯކްލިންގ ގިއަރ) އާންމު ވުމާއެކު، ސީދާ މޫދަށް ފައިބައިގެން އަތުނަނު ބޭނުންކޮށްގެން މަސްވެރިކަން ކުރެއެވެ.

އާންމު ގޮތެއްގައި، ފަރުގެ އެކި ހިސާބުތަކުގައި ސްނޯކްލްކުރާ މަސްވެރިން ތިބެގެން، ފާނައެއް ފެނިއްޖަނަމަ، އެމެއް ލައިފައިވާ ނަނެއް ފައްތައިގެން ފާނަ ހިފައެވެ. މިގޮތަށް ބާނާ ފާނަ، ދޯންޏާ ހަމައަށް ދެވެންދެން ހުންނަނީ މަސްވެރިޔާގެ ގައިގައި އައްސައި، މޫދަށް ދޫކޮށްލައިފައި އޮންނަ ވަށިގަނޑެއްގައެވެ.

މިހާރަކަށް އައިސް، ކަސް ފާނަ އާއި އޮޅު ފާނަ ފަދަ އެއްތަނަކަށް ޖަމާވާ ބޮޑެތި ބާވަތުގެ ފާނަ ބޭނުމަށްޓަކައި، ބޮޑު ބުޅިޔެއްގައި ވާގަނޑެއް ޖަހައި މަހުގައި އެޅުވުމުން ނެއްޓޭ ގޮތަށް ދަނޑިއެއްގައި ހަރުކޮށްފައި ހުންނަ ދާވަންޏެއް ފަދަ އާލާތެއް ބޭނުންކޮށްގެން މަސްވެރިކަންކުރުން ވަނީ އިތުރުވެފައެވެ. މި އާލާތް ގިނައިން ބޭނުންކުރަނީ، ފާނަ ބިސްދޫކުރުމަށް ޖަމާވާ ދުވަސްވަރު، އެ ސަރަޙައްދުތަކުގައި، ރޭގަނޑެވެ. ފާނަ ހޯދަނީ ފީނައިގެން އަލިކޮށްގެންނެވެ. އަދި ފާނަ ފެނުމުން، މި އާލާތް ބޭނުންކޮށްގެން ހިފުމަށްފަހު ދޯންޏަށް އަރުވައެވެ.

މީގެއިތުރުން، ފާނަ ބިސްދޫކުރުމަށް ޖަމާވާ ޖަމާވުންތަކަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުންވެސް ފަހަކަށް އައިސް ވަނީ އާންމު ވެފައެވެ.

މީގެ ކުރިން މަސްވެރިން ފާނައިގެ މަސްވެރިކަން ކުރަމުންއައީ އެ މަސްވެރިއެއް ނިސްބަތްވާ އަތޮޅުގައެވެ. ނަމަވެސް، މި މަސްވެރިކަން ފުޅާވެ، އުޅަނދުތަކުގައި އިންޖީނު އަޅައި ތަރައްޤީވުމުގެ ސަބަބުން، މަސްވެރިކަމުގެ ދަތުރުތައް ދިގުވެ، މިހާރު ގިނައިން މި މަސްވެރިކަން ކުރަނީ އެކި އަތޮޅުތަކުގައެވެ. މިހެންވުމުގެ ސަބަބުން، މަސްވެރިކަން ރަނގަޅު ސަރަޙައްދުތަކަށް ދިއުމުގެ ފުރުޞަތު މަސްވެރިންނަށް އިތުރުވެގެން ދެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!