ca0aa433-17ed-4fc1-b4e2-1151e96a3c3a

މަސްވެރިންނަށް ވީ ވަޢުދުތައް ފުއްދަން ނަޝީދު ސަރުކާރަށް ގޮވާލައިފި

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސް ގަންނަ މިންވަރު މިފްކޯއިން ކޮންޓްރޯލްކުރުމާއި، ގުޅިގެން އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

މިފްކޯގެ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުންދާތީ އިއްޔެ އިން ފެށިގެން ދޯންޔަކުން ފަސް ޓަނުގެ މަސް ގަތުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން މަސްވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިއަދު "ކެޔޮޅާ މިއީ އަހަރުމެން ބުނި ގޮތެއް ނޫން" ނަމުގައި ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ވަރަށް ގިނަ މަސްވެރިން ފޯނުން ގުޅައިގެން ޝަކުވާ އުފުލަމުންދާ ކަމަށެވެ. އަދި މިއީ ހައްޤު ޝަކުވާ ކަމަށް ބަޔާނުގައި ލިޔުއްވާފައިވެއެވެ.

ރާއިސް ނަޝީދުވަނީ ސަރުކާރުން މަސްވެރިކަމާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، ސަރުކާރުގެ ކުންފުނިތަކަށް މަސްވެރިކަމުގެ ސިނާއަތް  ގެންދެވެން ނެތްކަން ހާމަވަމުން ދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވިއެވެ.

"އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށެވެ. ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށެވެ،" ނަޝީދުގެ ބަޔާނުގައި ލިޔުއްވާފައިވެއެވެ.

ނަޝީދުވަނީ  ރަށު ކައުންސިލްތަކާއި، މަސްވެރިންނާއި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމަކުން ހިންގާ ކުދި މަސް ފެކްޓްރީތައް ހެދުން އަވަސް ކުރުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް އޮންނަނީ ދައުލަތުގެ "ކޮންޓްރޯލް" ގެ ދަށުގައި ކަމަށާއި 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމަށް ފަހު މަސް ގަތުމުގެ ސިޔާސަތަށް އޭރުގެ ސަރުކާރުން ގެނައި ބަދަލާއެކު މަހުގެ އަގު ދަށްވެގެން ދިޔަ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމެއް ގާއިމުކުރުމަށް 2018 ވަނަ އަހަރު އެކުލަވާލި މެނިފެސްޓޯގައި ބަޔާންކޮށްފައިވާ "ނޫ އިގްތިސާދު" ގެ ނާރެހަކީ މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން، "ގެދޮށު މަސް ޕްލާންޓު" ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން، ދުނިޔޭގެ ގައުމުތަކުގައި މި ސިޔާސަތު ކާމިޔާބުކަމާއެކު ހިނގަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަހުގެ އަގުވައްޓާލީ މަނިކުފާނުން ޔޫރަޕްގައި ކުރެއްވި މަސައްކަތުން ނޫންތޯ ހެހެހެހެ