މިއި ރާއްޖޭގެ ތިލަފަޅުތަކުގައްޔާއި ފަރުމަތީގައި އުޅޭ މަހެކެވެ.
މިބާވަތުގެ މަސް ގިނައިން އުޅޭކަމަށް ފާހަގަކުރެވެނީ އަޑީގައި ވެލިހުންނަ ހިސާބުތަކުގައެވެ. މިއީ ދިވެހިން މަދުމަދުން ކައިއުޅޭމަހެކެވެ. މިމަހުގެ ޢާއްމުކާނާއަކީ އަޑީގައި އުޅޭ ކުދިކުދި ކަކުނިފާޑުގެ ސޫތްޕެވެ. މަހުގެ ކުލައަކީ ރިހިހުދުކުލައެވެ. މަހުގެ މަތީބައި ހުންނަނީ ނޫކުލައެއްގައެވެ. މަހުގެ ލޮލުންފެށިގެން ނިގޫފަތާ ހަމައަށް މަހުގެ ދިގަށް ފުޅާ ދޮންކުލައިގެ ރޮނގެއް ހުރެއެވެ. މަހުގެ ތުންކޮޅު ހުންނަނީ ކަޅުކުލައެއްގައެވެ. ނިގޫފަތުގެ ކުލައަކީ ރަންރީނދޫ ކުލައެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 7 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑާ ދިމާލުން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރިދިގެވެ. މަހުގެ މިގޫފަތް ހުންނަނީ ކަފިވެފައެވެ. މިމަސް އެންމެ ބޮޑުވަނީ 21 ސެންޓިމީޓަރަށެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނުވާތީ ކަނޑުއުނިޔައިގެ މިބާވަތަށް މަހަށްކިޔާ އިގިރޭސިނަމާއި ގުޅުވައިގެން މަހުގައި އެކުލެވޭ ސިފައަށް ވިސްނާ "ދޮންފައްޓާ ކަނޑުއުނިޔަ" ކިޔާފައިވަނީއެވެ.

