މަސްވެރިކަމާއި ގުޅޭ

ނަރުވާބިބީ

މިއީ ރާއްޖޭގެ ފަރުފަޅުގެ ބޭރުގައްޔާއި، އަދި އެތެރޭގައި ހުންނަ މުރަކަތަކުގެ ކައިރީގައި ގިނައިން އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ފެއްސާއި، ފަންޏާއި، ޑިނގާއާއި ގަލުގެ މާގަނޑެވެ. މިއީ ދިރޭކުދިމަހުގެ ގޮތުގައި ރާއްޖެއިން ގިނަ ޢަދަދަކަށް ބޭރުކުރެވޭ މަހެކެވެ.

ބިބީ ޢާއިލާގެ މަސްމަހަށް ވަކިވަކިން ނަންދެވިފައިނެތުމާއެކު މިމަހަށް މަހުގެ ބޭރުބައްޓަމުން އެންމެ އަޅައިގަންނަ (ގިނަ ބިބީތަކުގައި ނުހުންނަ) ސިފައެއްކަމަށްވާ މަހުގެ މަތީކޮތުރިބައިގެ ފަހަތުން މަހުގެ ފަހަތަށް ދިގުވެފައިހުންނަ ނަރުވާއެއް ހުރުމާއެކު މިމަހަށް "ނަރުވާބިބީ" ކިޔާ ނަންދީފައިވަނީއެވެ.

ނަރުވާބިބީއަކީ އެކަހެރިކޮށް، ޖޯޑުޖޯޑަށް އަދި މަދުމަދުން އައިން ހަދައިގެން އުޅޭމަހެކެވެ. މަހުގެ މަތީކޮތަރިބައިގައި 13 ހަރުކަށްޓާއެކު 23 އާއި 25 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިމަޑުކަށިތަކުގެ ތެރެއިން ދެމަޑުކަށް ނަރުވައެއްހެން މަހުގެ ފަހަތަށް ދިގުވެފައިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 19 އާއި 21 އާދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކުލައަށް ބަލާއިރު ގިނައީ ހުދުކުލައެވެ. ނަމަވެސް ފަހަތްކޮޅު ހުންނަނީ ރީނދޫކުލައިގައެވެ. މަހުގެ ލޯހުރަސްކޮށް ކަޅުކުލައިގެ ފުޅާރޮނގެއް ދެމިފައި ހުރެއެވެ. މަތީކޮތަރިބައިގެ މަޑުކަށިހުންނަ ހިސާބުގައި މަހުގެ ފުހަތުކޮޅުގައި ކަޅުކުލައިގެ ލަޕެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ދެއަރިމަތީގައި ދެއަތަކަށް ކަތިކޮށް ހުންނަ އަޅިކުލައިގެ ރޮނގުތަކެއް ހުރެއެވެ.

އިނގިރޭސި ނަން: Threadfin butterflyfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!