މިއީ ރާއްޖޭގެ ފަރުޕަޅުތަކުގައި ގިނައިން އުޅޭމަހެކެވެ. ދިވެހިން ކެއުމަށް ބޭނުން ކޮށްއުޅޭ މަހެއްނޫނެވެ. މަސްދިރުވައިގެން ގެންގުޅޭ ފަރާތްތަކުން މިމަސް ގެންގުޅެއެވެ. މިމަހަކީ ހިފާ ގެންގުޅުމުން، ވަރަށް އަވަހަށް މަރުވާ މަހެއްކަމުގައިވިޔަސް ފެންގަޑަށް ނުވަތަ ޓޭންކަށް ރަގަޅަށް ހޭނިމުމުން ވަރަށް ގަދަކޮށް އުޅޭ މަހެކެވެ. މިމަހަށް "އަލަނާސިބިބީ" ކިޔާފައިވަނީ މަހުގެ ހަށިގަޑުން ފާޅުކޮށް އެގެން ހުންނަ ތިކިތައް، މަޅާލާފައި އޮންނަ އަލަނާސިއެއްގައި ހުންނަ ތިކިތަކާއި އެއްގޮތްކަން ބޮޑުކަމުންނާއިއެކު އަލަނާސީގައި ހުންނަ އޮރެންޖުކުލަ މަހުގައި ހުންނާތީއެވެ. މިއީ ތިލަހިސާބުތަކުގައި ހުންނަ މުރަކަތަކުގައްޔާއި، މާޑުމަތީގައިވެސް ގިނައިން އުޅޭ މަހެކެވެ. މިމަސް އެންމެބޮޑުވަނީ ގާތްގަޑަކަށް 12 ސެންޓިމީޓަރަށެވެ. މިބިބީ ގިނައިންފެންނަނީ ޖޯޑުޖޯޑަށެވެ. އަދި ބައެއްފަހަރުފަހަރު ކުދި އައިން ހަދައިގެންނާއި އެކަހެރިކޮށް ދުވެއުޅެއެވެ. މަހުގެ ކާނާއަކީ މަޑުމުރަކައާއި ފަނިފަކުސައެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 20 އާއި 23 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 18 ނުވަތަ 19 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ އޮރެންޖު ކުލައެކެވެ. މަހުގެ ދެފަރާތުގައި ފަނޑުކޮށް ހުންނަ ފުޅާރޮނގެއް ހުރެއެވެ. އަދި މަހުގެ ލޯހުރަސްކޮށް ކަޅުކުލައިގެ ފުޅާރޮނގެއްވެސް ހުރެއެވެ. މަހުގެ ކަޚުތާފަތް ދިމާ ތިރިން ބަނޑުދަށްފަރާތުގައި ހުންނަ، ކުޑަކޮތަރިބައިގެ ކުލައަކީ ކަޅުކުލައެވެ. އަދި މަހުގެ ދެއަރިމަތީގައި ކުނިތިކިތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ.
އިނގިރޭސި ނަން: Klein’s butterflyfish
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003