މަސްވެރިންނަކީ އެމްޑީޕީގެ ފުރާނަކަމަށް ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ޙަލީމު (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީ މި ހިސާބަށް އައީ މަސްވެރިންގެ ސަބަބުންކަމަށެވެ. އަދި މި ސަރުކާރު އައީ އެމްޑީޕީގެ ނަމުގައި ނަމަވެސް މިއީ ކޯލިޝަން ސަރުކާރެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީއަކީ، ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދާ ޕާޓީއެއްކަމަށާއި މިހާތަނަށް ރައްޔިތުންގެ އިތުބާރާއި ތާއީދު އެމްޑީޕީއަށް ދެމުން އައީ އެމްޑީޕީން ވައުދުވެ އެ ވައުދުތައް ފުއްދަމުން އަންނާތީކަމަށް ހަލީމް ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން މަސްވެރިންނަށްވީ ވައުދު ނުފުއްދާތީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާކަމަށް ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީއަށް އެންމެ ގިނަ ވޯޓުދެނީ މަސްވެރިންކަން ފާހަގަ ކުރައްވައި ހަލީމް ވިދާޅުވީ، އެމްޑީޕީ މިހާ ހިސާބަށް އައީވެސް އަދި އެމްޑީޕީ ގުގުމާލީވެސް މަސްވެރިންގެ ސަބަބުންކަމަށާއި އަދި މަސްވެރިންނަކީ އެމްޑީޕީގެ ފުރާނަކަމަށެވެ.
ރާއްޖޭގެ މަސްވެރިންގެ ތެރެއިން 90 ޕަސެންޓް މީހުން އެމްޑީޕީއަށް ތާއީދު ކުރާނެކަމަށް ހަލީމް ވިދާޅުވިއެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެކަމަށް ބުނެ އެމްޑީޕީން މަސްވެރިންނަށްވީ ވައުދު ފުއްދައިދިނުމެވެ.
ނަމަވެސް މި ކޯލިޝަން ސަރުކާރުން މަސްވެރިންނަށްވީ ވައުދު ނުފުއްދާކަމަށް ބުނެ ހަލީމް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ހަލީމް ވިދާޅުވި ގޮތުގައި، މިފަދަ މުހިންމު ވައުދުތައް ނުފުއްދޭނަމަ، ކުރިމަގުގައި ޕާޓީއަށް ގިނަގުނަ މައްސަލަތައް ދިވާމާނެ ކަމަށެވެ.



