ޒުވާންމަސްވެރިޔާ އުރީދޫގެ ބްރޭންޑް އެމްބެސެޑަރ މަގާމު ދޫކޮށްލައިފި

ZuvaanMasveriya

މީސްމީޑިއާ މެދުވެރިކޮށް މަސްވެރިކަން އިސްތިހާރުކުރަމަށް "ޒުވާން މަސްވެރިޔާ"ގެ ނަމުގައި މަސައްކަތް ކުރަމުން އަންނަ ހަސަން ސާޖިން، އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ މަގާމު ދޫކޮށްލައިފިއެވެ.

މަސްވެރިން އެމްވީ އަށް މައުލޫމާތު ދެމުން ސާޖިން ބުނީ އުރީދޫގެ ބްރޭންޑް އެމްބެސެޑަރއަކަށް ވުމުގެ ސަބަބުން މަސްވެރިކަން އިސްތިހާރުކުރުމަށް ހިއްވަރު ލިބިގެން ދިޔަކަމަށެވެ. އަދި އުރީދޫއާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ މަސްވެރިކަމަށް ޒުވާނުން ޝައުގުވެރި ކުރުވުމަށް ކުރަމުން މިއަންނަ މަސައްކަތަށް އިތުރު އެހީތެރިކަން ލިބިގެން ދިޔަ ކަމެއް ކަމަށެވެ.

މަސްވެރިއެއްގެ ހައިސިއްޔަތުން އެ ފަދަ މާގާމެއް ލިބިގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމަށާއި އޭނާއަށް ލިބުނު ކުރިއެރުމެއް ކަމަށް ސާޖިން ބުންޏެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސްވެރިކަން އިސްތިހާރުކުރުމަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އުރީދޫއަށާއި، އެކުގައި މަސައްކަތް ކުރި އުރީދޫގެ ޓީމަށް ޝުކުރުއަދާ ކުރާކަމަށްވެސް ސާޖިން ބުންޏެވެ.

"މަސްވެރިއަކަށް މިވަރުގެ މަގާމެއް ލިބުނީތީ އުފާކުރަން. މަސްވެރިކަން އިސްތިހާރުކުރަން ކުރަމުންދާ މަސައްކަތަށް ލިބުނު ހިއްވަރެއް އެއީ. އެހެންކަމުން އަހަރެން ކުރަމުންއައި މަސައްކަތް ބަލައިގަނެ އުރީދޫއިން ދިން ފުރުސަތަށް ޝުކުރު އަދާކުރަން" ސާޖިން ބުންޏެވެ.

މިހާރު އިސްކަންދެނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމަށް ތައްޔާރުވަމުންދާ ދަތުރަށް ކަމަށްވެސް ސާޖިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ ކަމަށް "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން ހަމަޖެއްސީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ފަހުގެ