މިއީ ބިބީ އާއިލާގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ޢާއްމު އެއްބާވަތެވެ.
މިބާވަތް ގިނައިން އުޅެނީ ފަޅުފަޅުގެ މުރަކަ ހުންނަ ހިސާބުތަކާއި، ފަރުބޭރުގެ ގުންޑޮޅި މަތީގައި ޖޯޑުޖޯޑަށެވެ. ވަރަށް މަދުން އެކަހެރިކޮށްވެސް ފެނުމަކީ އެކަށިގެންވާ ކަމެކެވެ. ޢާއްމުކޮށް އުޅެނީ 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ އެކުއޭރިއަމްތަކުގައި ގެންގުޅެން މާ ފަސޭހަ މަހެއްނޫނެވެ. އެއީ މަހުގެ ކާނާއަކީ ގަލުގެ މާގަޑުކަމަށްވާތީއެވެ.
މިއީ ފަތިކޮށް ކުކުޅުބިސް ބުރަށް ހުންނަ މަހެކެވެ. މާހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ނުވަތަ 14 ހަރުކަށްޓާއެކު 20 އާއި 22 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 18 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.
މަހުގެ މަތީބައި ހުންނަނީ ނޫކުލައިގައެވެ. މަހުގެ އަރިމަތީގައި ގަދަ ނޫކުލައިގެ ފަނަރަވަރަކަށް ރޮނގު ފާޅުކޮށް ހުންނާނެއެވެ. މަހުގެ ތުންކޮޅުގެ ކުލައަކީ ކަޅުކުލައެވެ. މަހުގެ ބޮލުގައި ލޯހުރަސްކޮށް ކަޅުކުލައިގެ ބޭންޑެއް ހުރެއެވެ. މަހުގެ ކަންފަތްގަޑުގެ ކުލައަކީ ރީނދޫކުލައެވެ. މިމަސް އެންމެ ބޮޑުވަނީ 14 ސެންޓިމީޓަރަށެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގެ ޢާއްމު ސިފައަށާއި ކިޔާއުޅޭ އިގިރޭސިނަމަށް ބަލާ "ބިސްބުރުބިބީ" ކިޔާ ނަންދީފައިވަނީއެވެ.