ދޮންކޮކާމަސް

މިއީ ރާއްޖޭގެ ފަރުފުޅުތަކުން ފެންނަ މަސްތަކުގެ ތެރެއިން ބަލާލުމަށް ވަރަށް ރީތި ކުލައެއްގައި ހުންނަ މަހެކެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއް ނޫނެވެ. އެކަމަކު ދިރޭމަސް ބޭރުކުރާ ފަރާތްތަކުންނާއި މަސްގެންގުޅޭ ފަރާތްތަކުން ވަރަށް ޝައުޤުވެރިކަމާއެކު ގެންގުޅޭ މަހެކެވެ. މިބާވަތުގެ މަސް ޢާއްމުގޮތެއްގައި އުޅެނީ ފަރުފަރުތަކުގެ ބޭރުން 15 މީޓަރު ފުންމިން ހުންނަ ހިސާބުތަކުގައެވެ. މިއީ ގިނައިން އެކަހެރިކޮށްއުޅޭ މަހެކެވެ. ނަމަވެސް މަދުމަދުން ދެތިން މަހުން ބައިހަދައިގެން އުޅޭތަންވެސް ފެނެއެވެ. މިއީ ކޮކާ ޢާއިލާގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ ގާތްގަޑަކަށް 21 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތުރިބައިގައި 14 ހަރުކަށްޓާއެކު 16 އާއި 18 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 17 އާއި 19 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތުގެ ތިރީބައިގައި ތޫނުކަށްޓެއް ހުރެއެވެ. މަހުގެ ކުލައަކީ ދޮންލުނބޯކުލައެވެ. މަހުގެ ނިތްކުރިމަތީގައްޔާއި ބޮލުގެ ދެއަރިމަތީގައި ކަޅުކުލައިގެ ތިންތިކިހުރެއެވެ. މަހުގެ ތުން ހުންނަނީ ނޫކުލައިގައެވެ. ބަނޑުދަށްފަރާތާ ކޮތަރިބައިގެ ތިރީބައި ހުންނަނީ ކަޅުކުލައިގައެވެ.

މިމަހަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު، މިމަހުގައި ފާހަގަކުރެވޭ އެންމެ އަޅައިގަންނަ އެއްސިފަކަމަށްވާ ކުލައަށްބަލާ، މަހަށް "ދޮންކޮކާމަސް" ކިޔާ ނަން ދީފައިވަނީއެވެ.

އިނގިރޭސި ނަން: Threespot angelfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!