ލ. ގަމު އެކުވެރި މަސްވެރިން ޖަމިއްޔާގެ ފަރާތުން ދެ މަސްވެރިއަކަށް އުމުރާ ދަތުރެއް ދީފިއެވެ.
މަސްވެރިނަށް ހާއްސަކޮށްގެން ބޭއްވުނު ރޯދަ ވިއްލުމެއްގެ ތެރެއިން މި އުމްރާ ދަތުރުގެ ގުރު އަތުން ހޮވިފައިވަނީ އަބްދުލް ޝަރީފު ،ފަހި ދުވެލި ދޯނި އަދި އަހުމަދު މުނާޒް، ރަންދޯދި ދޯނިއެވެ.
މި އުމްރާ ދަތުރު ދީފައިވަނީ އެ ރަށު ރަޖިސްޓްރީ ވެފައިވާ މަސްދޯނި ތަކުގެ މަސްވެރިންނަށް ހާއްސަކޮށެވެ. އެގޮތުން މި އަހަރުގެ އުމްރާ ދަތުރުގެ ގުރުއަތު ނެގުމުގައި ޖުމްލަ 172 މަސްވެރިން ބައިވެރިވެފައިވެއެވެ.
ގަމު އެކުވެރި މަސްވެރިންގެ ރައީސް ހުސައިން ހަނީފް މައުލޫމާތުދިން ގޮތުގައި އެ ޖަމިއްޔާގެ އުއްމީދަކީ ކޮންމެ އަހަރަކުވެސް އުމްރާ ދަތުރުތައް މަސްވެރިންނަށް އަމާޒުކޮށްވެސް ބޭއްވުމެވެ.
"ވިސްނުން އެބަހުރި އަންނަ އަހަރު 5 ފަރާތަކަށް އުމްރާ ދަތުރު ދިނުމަށްވެސް، އިތުރު ހަރަކާތްތައްވެސް މަސްވެރިންނަށް އަމާޒްކޮށް ހިންގުމުގެ ވިސްނުން އެބަހުރި،" ހަނީފު ވިދާޅުވިއެވެ.
ޖަމިއްޔާއިން މިހާރު ތަައްޔާރުވަމުންދަނީ 40 މަސްވެރިންނަށް އަމާޒްކޮށް އޯޕަން ވޯޓަރ ކޯހެއް ކުރިއަށްގެންދިޔުމަށެވެ. އެގޮތުން އީދު ނިންމާފައި އެ ކޯސް ފެށިގެންދާނެ ކަމަށް ހަނީފު ވިދާޅުވިއެވެ.
ގަމު އެކުވެރި މަސްވެރިން ޖަމިއްޔާއިން ވަނީ މި އަހަރުގެ ރޯދަ އިނާޔަތް ވެސް މަސްވެރިންނަށް ދީފައެވެ. އެގޮތުން އެ ރަށުހެ ކޮންމެ މަސްވެރިއަކަށް 3000 ރުފިޔާ ދީފައިވެއެވެ.
ޖަމިއްޔާއަށް ފައިސާ ލިބެނީ ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ފެއަރ ޓްރޭޑާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މާންދޫއަށް ކިރާ މަސް، ފެއަރ ޓްރޭޑު ލޯގޯ ޖަހައިގެން ބޭރުކުރުމުން ލިބޭ ފައިސާ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
މަސް ކިރާ މިންވަރާއި އެކު ޖަމިއްޔާއަށް ލިބޭ ފައިސާއަށް އަސަރުކުރި ނަމަވެސް ކޮންމެ އަހަރެއްގައި ރޯދަ އިނާޔަތް ދިނުމަކީ އެ ޖަމިއްޔާގެ އަމާޒެއް ކަމަށް ހަނީފު ވިދާޅުވެފައިވެއެވެ.