ފަރެސްމާތޮޑާ މަސްވެރިންތަކެއް
ފަރެސްމާތޮޑާ މަސްވެރިންތަކެއް

ފަރެސްމާތޮޑާގައި މަސްގަނެ ރައްކާކުރާނެ ފެސިލިޓީއެއް ގާއިމްކޮށްދިނުމަށް ގޮވާލާ އެރަށު ކައުންސިލުން ޤަރާރެއް!

ފަރެސްމާތޮޑާގައި މަސްގަނެ ފިނިކޮށް ރައްކާކުރާނެ ފެސިލިޓީއެއް ގާއިމްކޮށްދިނުމަށް ގޮވާލާ އެރަށު ކައުންސިލުން ޤަރާރެއް ހުށަހަޅައިފިއެވެ.

ކައުންސިލް ހުރިހާ މެމްބަރުން ސޮއިކޮށް ނެރެފައިވާ މި ޤަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ބާނާ މަހުގެ %70 މަސް ބާނަނީ ދެކުނުގެ މަސްވެރިން ކަމަށާއި، މި މަސް ރައްކާކުރުމަށް ޤާއިމްކޮށްފައިވާ ގއ. ކޫއްޑޫގެ މަސް ސްޓޯރޭޖަކީ އެކަށީގެންވާ ކެޕޭސިޓީއަކާއި އެކު ހިންގަމުންދާ ތަނަކަށްްނުވުމުގެ ސަބަބުން، ދެކުނުގެ މަސްވެރިން މަސްކިރުމަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޤްސަދުގައި ފަރެސްމާތޮޑާ ކެޔޮޅުން އިސްވެ ތިއްބަވާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ފަރެސްމާތޮޑާ ކައުންސިލުން ފުރިހަމަ އެއްބާރުލުންދީ އަމަލީގޮތުން ބައިވެރިވާނެކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.

އެގޮތުން މަސްކިރުވުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމުގެގޮތުން ފަރެސްމާތޮޑާގައި މަސްގަނެ ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސްވެރިން ކުރަމުންގެންދާ މަސައްކަތަށް އެކައުންސިލުން ފުރިހަމައަށް ތާއީދު ކުރާ ކަމަށާއި، މިފަދަ ނިޒާމެއް ފަރެސްމާތޮޑާގައި ޤާއިމްކުރަންޖެހިފައިވާކަމަށް އެކައުންސިލުން ޤަބޫލުކުރާ ކަމަށެވެ.

އެހެން ކަމުން ފަރެސްމާތޮޑާގައި މަސްފެކްޓްރީއެއް ޤާއިމްކުރުމަށް ދެކުނުގެ 4 އަތޮޅުގެ މަސްވެރިން ކުރަމުން ގެންދާ މަސައްކަތް ބަލައިގަނެ މަސްވެރިން އެދެމުންދާގޮތަށް އެކަންކޮށްދެއްވުމަށް ފަރެސްމާތޮޑާ ކައުންސިލްގެ ފަރާތުން ދިވެހި ސަރުކާރަށް ގޮވާލާކަމަށް މި ޤަރާރުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!