ޑައިވިންއަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު ފުވައްމުލަކު ސިޓީގެ މުހައްމަދު ސައީދު (ސައިއްޓޭ) ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން 55 ސްކްއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ސައީދު ގެއްލުނީ މަހުމޫދު ފާއިޒު ދެ މީހުން ފަން ޑައިވިންއަކަށް ގޮސް އުޅުމުގެ ތެރޭގައި އިއްޔެ މެންދުރު ފަހުއެވެ. އެ ދެ މީހުން ޑައިވިންއަށް ފޭބީ މެންދުރު އެވެ. ސައީދު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ ހަވީރު އެވެ.
އެމްއެންޑީއެފުން ބުނީ ސައީދު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ދެ ހާބާ ކްރާފްޓް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ވައިގެ މަގުން ބެލުމަށްޓަކައި ޑޯނިއާ ފްލައިޓެއް އެ ސައިޓަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ސައީދު ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު މަހުމޫދު އިއްޔެ ވަނީ ޗެމްބަރަށް ލުމަށް ދ. ކަނޑިންމަ ރިސޯޓަށް ގެންގޮސްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.