ފަރެސްމާތޮޑާގައި މަސްފެކްޓްރީއެއް އެޅުމަށް ގޮވާލާ ޕެޓިޝަން ރައީސަށް ހުށަހަޅަނީ

ޕެޓިޝަންގައި ސޮއިކުރުން ކުރިޔަށްދަނީ-- ފޮޓޯ:  ވަގުތު
ޕެޓިޝަންގައި ސޮއިކުރުން ކުރިޔަށްދަނީ-- ފޮޓޯ: ވަގުތު

ގދ.ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކުރެވޭނެ މަސް ފެކްޓަރީއެއް އަޅައިދިނުމަށް ގޮވާލާ ދެކުނު މަސްވެރިން ސޮއިކުރަމުންދާ ޕެޓިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން ނިންމައިފިއެވެ.

އެ ޕެޓިޝަނަކީ ސަރުކާރުން މިހާރު ކޫއްޑޫގެ މަސް ފިނިކުރާ ކެޕޭސިޓީ އިތުރުކުރުމުގެ ބަދަލުގައި އަތޮޅުގެ ދެކުނު ބިތުގެ ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކޮށް، މަސް ގަނެވޭނެ ގޮތެއް ހަދައިދިނުމަށް އެދި ސޮއި ކުރަމުންދާ ޕެޓިޝަނެކެވެ.

އޭގައި ވަނީ ފަރެސްމާތޮޑާ ހިމެނޭ ފަޅުގައި ކޫއްޑޫ އެކޭ އެއްގޮތަކަށް މަސް ފިނިކޮށް ރައްކާކުރެވޭނެ މަސް ފެކްޓަރީއެއް އަޅައިދިނުމަށެވެ.

އައްޑޫން ފެށި އެ މަސައްކަތުގައި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަދި ފަރެސްމާތޮޑާއަށް ނިސްބަތްވާ، މުޅި ދެކުނުގައި ވެސް މަޝްހޫރު ކެޔޮޅުންގެ ޓީމެއް އައްޑޫސިޓީއަށާއި ފުވައްމުލައް، ގއ އަދި ގދ ގެ ރަށްތަކަށް ވަނީ ގޮއްސަ އެވެ.

އެ ޕެޓިޝަނުގައި އެކަމަށް ތާއީދުކޮށް އައްޑޫ ސިޓޫގެ ހުރިހާ މަސްވެރިންގެ އިތުރުން އެ ސިޓީގެ މިހާރުގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ސޮއި ކޮށްފަ އެވެ. މީގެ އިތުރުން ފުވައްމުލަކު މަސްވެރިންނާއި ހުވަދުއަތޮޅު އުތުރުބުރި އަދި ދެކުނުބުރީގެ ބައެއް ރަށްރަށަށް ވެސް ޒިޔާރަތްކޮށް ވަނީ މަސްވެރިންގެ ސޮއި ޕެޓިޝަނަށް ހޯދާފަ އެވެ.

ދެކުނުގައި އިތުރު މަސްފެކްޓްރީއެއް އެޅުމަށް ގޮވާލާ ރައީސަށް ހުށަހެޅުމަށް ޕެޓިޝަނެއް ތައްޔާރުކުރަމުންދާއިރު، މަސްވެރިކަން ތިޔާގި ދުވަސް ވަރެއްނަމަ ޖެހެނީ ކިޔުގައި އެތައް ދުވަހަކު ތިބެ މަސް ކިރާށެވެ. ސަރުކާރުން މަސް ކިރާ ވަރު ކޮންޓްރޯލް ކޮށްފިނަމަ މަސް އިތުރަށް މަސް ނުބާނާ ނުވަތަ އިތުރަށް ބޭނިއްޖެނަމަ ނުކިރި އުކާލާށެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން ފަރެސްމާތޮޑާގެ މަސްގެލަރީގެ އޮޑީވެރިޔާ އަދި ކެޔޮޅު ކަމުގައިވާ އަޙްމަދު ޒައިން ބުނީ ފަރެސްމާތޮޑާގައި މަސްފެކްޓްރީއެއް އެޅުމަށް ގޮވާލާ ޕެޓިޝަންގައި ދެކުނުގެ ވަރަށް ގިނަ އޮޑިވެރިންނާއި ކެޔޮޅުން އަދި މަސްވެރިން ސޮއިކޮށްފައިވާ ކަމަށެވެ. އަދި މި ޕެޓިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރަން ފުރުސަަތު ލިބިފައިވާ ކަމަށާއި މި އަންނަ ހަފްތާގައި ރައީސް ސޯލިހާއި ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު މިއަންނަ ހަފްތާގައި ހިއްސާ ކުރާނެކަމަށްވެސް ޒައިން ބުންޏެވެ.

ޒައިން އިތުރަށް ބުނީ މި އަންނަ ހަފްތާއަށް ފަރެސްމާތޮޑާގެ 10 ކެޔޮޅުން މާލެ ދިއުމަށް ނިންމާފައިވާކަމަށާއި އަދި މަސްވެރިން ސޮއިކުރި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ