ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު އެއްކުރުމަށް ރާއްޖޭގައި އިންޑިއާގެ އަސްކަރީ ފަސް އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޯގްރަފިކް ސާވޭގެ ތެރެއިން ރާާއްޖޭގައި ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސްއާއި، އެކްޑިސްގައި ބޭނުން ކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް އެބަ ދެ އެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސާވޭގައި މީގެ ކުރިން ވެސް ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް ސާވޭއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލުކޮށްގެން ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު އެއްކުރުމަށް ހަދާ ސާވޭ ހެދުމަށް މި ވަގުތު ރާއްޖޭގައި ހަރަކާތްތެރި ވަނީ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރަކާއި އެއަަށްވުރެ ކުޑަ ހަތަރު އުޅަނދުކަމަށް އެމްއެންޑީއެފުން މިއަދު ބުންޏެވެ.
އޭގެ ތެރެއިން އެއް އުޅަނދު މާލެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާއިރު އަނެއް ތިން އުޅަނދު ހަރަކާތްތެރިވަމުން ދަނީ ހދ. އަތޮޅާއި ށ. އަތޮޅާއި އަދި މާލެ އަތޮޅުގަ އެވެ.
މި މަސައްކަތުގައި އިންޑިއާގެ ސިފައިންނާއެކު ރާއްޖޭގެ ސިފައިންވެސް ހަރަކާތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކޮށްފައިވާ އަސްކަރީ ގުޅުމުގެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން ދަނީ ކުރަމުންނެވެ.
މީގެ ކުރިން ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވެފައި ވަނީ ރާއްޖޭން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންޓަނޭޝަނަލް މެރިޓައިމް ލޯގެ ދަށުން އަދާހަމަކޮށްފައިވާ ޗާޓުތައް ހެދުން ރާއްޖޭގެ މައްޗަށް ލާޒިމުވާ ކަމަށެވެ.
ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން، އެ ސާވޭ ކުރުމަށް އެހީވެދީގެން، އެއްކުރެވޭ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ހެދޭ ޗާޓުތައް ބޭރުގެ ފަރާތްތަކުގެ ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބެ އެވެ. އެގޮތުން، އިންޑިއާއިން ވިއްކާ ޗާޓެއްގެ އަގުގެ 35 ޕަސަންޓުގެ އިތުރުން ރޯޔަލްޓީގެ ގޮތުގައި 25 ޕަސަންޓް ރާއްޖެއަށް ދައްކަންޖެހޭކަމަށް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.
މިދިޔަ މަހު ޗާޓު ވިއްކާފައި ވާއިރު އޭގެން ލިބުނު ފައިސާ އިން ރޯޔަލްޓީ ފީގެ ގޮތުގައި 8278.02 ޑޮލަރު ރާއްޖެއަށް ވަނީ ދީފަ އެވެ. ނަމަވެސް އެ ޗާޓްތައް ވިއްކައިގެން ލިބުނު ފައިސާގެ ޖުމްލަ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާއިން ރާއްޖޭގައި ހައިޑްރޮގްރަފީ ސާވޭ އެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.