މަސްވެރިކަމާއި ގުޅޭ

ނިގޫހުދު ކޮކާމަސް

މިއީ ކޮކާ ޢާއިލާގައި ހިމެނޭ މަސްތަކުގެ ތެރެއިން އެންމެ ކުޑަކަމަށް ބެލެވޭ މަސްތަކުގެ ތެރެއިން އެއްމަހެވެ.

މިމަސް ބޮޑުވާކަމަށްވަނީ ގާތްގަޑަކަށް 7 ސެންޓިމީޓަރަށެވެ. ޢާއްމުގޮތެއްގައި މިމަސް އުޅެނީ މިބާވަތުގެ ގިނަމަސް އުޅޭ ފުންމިނަށްވުރެ ފުނުގައެވެ. މިއީ ވަރަށް ފުން ހިސާބުތަކުގައި އުޅޭ މަހަކަށް ވުމާއެކު މޫދަށްއެރިއުޅޭ މީހުންނަށާއި ފީނާމީހުންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިމަސް ޢާއްމުކޮށް އުޅެނީ ގާތްގަޑަކަށް 20 މީޓަރު އަޑީގައެވެ. އަދި 50 މީޓަރުގެ އަޑިންވެސް މިމަސް ފެނިފައިވާކަމަށް ވެއެވެ.

މިބާވަތުގެ މަސް އުޅުމަށް ލޯބިކުރަނީ އަޑީގައި މުގުރާފައި ހުންނަ ގަލާއި މުރަކު ހުންނަ ސަރަޙައްދުތަކުގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. އެކްއޭރިއަމްތަކުގައި ދިރޭމަސް ގެންގުޅޭ ފަރާތްތަކުން މިބާވަތުގެ މަސް ގެންގުޅުމަށް ޝައުޤުހުރެއެވެ. ރާއްޖެއިން ދިރޭމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ މަސް ހިފައިގެން ބޭރުކޮށް، ހަދައެވެ. މަހުގެ ކާނާއަކީ މޫދުފައްސެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 14 ހަރުކަށްޓާއެކު 15 މަޑުކަރިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 17 މަޑުކަށިހުރެއެވެ. ކަރުތާފަތުގެ ތިރީބައިގައި ތޫނުކަށްޓެއް ހުރެ އެވެ. މަހުގެ ކުލައަކީ މުށިނޫކުލައެކެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ވަރަށް ރީތި ނޫކުލައެއްގައެވެ. ނިގޫފަތް ހުންނަނީ ދޮންކޮށެވެ.

މިމަހަށް ކިޔާ ވަކި ޚާއްސަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށްކިޔާ ސައިންޓިފިކް ނަމާއި އިގިރޭސިނަމާ ގުޅޭގޮތަށް "ނިގޫހުދުކޮކާމަސް" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: White-tail angelfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!