ގދ.ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކުރެވޭނެ މަސް ފެކްޓަރީއެއް އަޅައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދެކުނުގެ މަސްވެރިން މިއަދު މެންދުރު ވަނީ ރައީސް ބައްދަކު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުވަދު އަތޮޅޫ ދެކުނުބުރީގެ މަސްވެރިންނާއި އައްޑޫ ސިޓީގެ ކެޔޮޅުންނެވެ.
މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން އެ ބައްދަލުވުމުގެ ބައިވެރިއަކު ބުނީ ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހު ތެރޭގައި އެކަމާ މަޝްވަރާ ކުރުމަށް އިތުރު ބައްދަލުވުމެއް ހަމަޖައްސާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކުރެވޭނެ މަސް ފެކްޓަރީއެއް އަޅައިދިނުމަށް ގޮވާލާ ސޮއި ކުރަމުންދާ ޕެޓިޝަނަކީ ސަރުކާރުން މިހާރު ކޫއްޑޫގެ މަސް ފިނިކުރާ ކެޕޭސިޓީ އިތުރުކުރުމުގެ ބަދަލުގައި އަތޮޅުގެ ދެކުނު ބިތުގެ ފަރެސްމާތޮޑާގައި މަސް ފިނިކޮށް ރައްކާކޮށް، މަސް ގަނެވޭނެ ގޮތެއް ހަދައިދިނުމަށް އެދި ސޮއިކުރި ޕެޓިޝަނެކެވެ.
އޭގައި ވަނީ ފަރެސްމާތޮޑާ ހިމެނޭ ފަޅުގައި ކޫއްޑޫ އެކޭ އެއްގޮތަކަށް މަސް ފިނިކޮށް ރައްކާކުރެވޭނެ މަސް ފެކްޓަރީއެއް އަޅައިދިނުމަށް މަސްވެރިންގެ ހުށަހެޅުމެވެ.
އައްޑޫން ފެށި އެ މަސައްކަތުގައި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަދި ފަރެސްމާތޮޑާއަށް ނިސްބަތްވާ، މުޅި ދެކުނުގައި ވެސް މަޝްހޫރު ކެޔޮޅުންގެ ޓީމެއް އައްޑޫސިޓީއަށާއި ފުވައްމުލައް، ގއ އަދި ގދ ގެ ރަށްތަކަށް ވަނީ ގޮއްސަ އެވެ.
މިއީ ދެކުނުގެ މަސްވެރި ކަމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމެއް ކަމށް ގިނަ މަސްވެރިން ދެކެ އެވެ. ސަބަބަކީ މިހާރު މަސްވެރިކަން ތިޔާގި ދުވަސް ވަރެއްނަމަ ޖެހެނީ ކިޔުގައި އެތައް ދުވަހަކު ތިބެ މަސް ކިރާށެވެ. ސަރުކާރުން މަސް ކިރާ ވަރު ކޮންޓްރޯލް ކޮށްފިނަމަ މަސް އިތުރަށް މަސް ނުބާނާ ނުވަތަ އިތުރަށް ބޭނިއްޖެނަމަ ނުކިރި އުކާލާށެވެ.