އެމެރިކާގެ ބީޗަކަށް ލެއްގި ކޯމަހަކަށް އިންސާނުންގެ ފަރާތުން އަނިޔާލިބި މަރުވެފައިވާތީ މިކަމުގައި ބައިވެރިވާ މީހުން ހޯދުމުގެ މަސައްކަތް އެޤައުމުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ފަށައިފިއެވެ.
އެގޮތުން ނޭޝަނަލް އޯޝަނިކް އެންޑު އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން ވަނީ ކޯމަހަށް އަނިޔާ ދީފައިވާ ފަރާތްތަކާއި ގުޅޭ މައުލޫމާތު ދޭ ފަރާތްތަކަށް 20000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.
އެމެރިކާގެ ކިންޓާނާ ބީޗަށް ލެއްގި ކޯމަހަށް އިންސާނުންގެ ފަރާތުން ގިނަ ދުއްތުރާތަކެއްވަނީ ކުރިމަތިވެފައެވެ. ބަލިވެފައި އޮތް އެ ކޯމަސް މައްޗަށް މީހުން އަރާ އެއާ އެކީ ފީނާން މަސައްކަތްކޮށްފައިވެއެވެ. އޮޓޮޕްސީއިން ދައްކާގޮތުން ކޯމަސް މަރުވެފައިވަނީީ ގެބިގެންނެވެ.
އެމެރިކާގެ މެރިން މެމަލް ޕްރޮޓެކްޝަން އެކްޓުގައިވާގޮތުން، ކަނޑުގެ ދިރުންތަކަށް ކާންދީ ގޯނާކޮށް ހެދުމަކީ މަނާކަމެކެވެ. އަދި އެފަދައިން އަމަލުކުރާ ފަރާތްތަކަށްް 11000 ޑޮލަރުގެ ޖޫރިމަނާއަށާއި، އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއްް އައުން އެކަށީގެންވެއެވެ.