މަސްވެރިކަމާއި ގުޅޭ

ބޯރީނދޫ ކޮކާމަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި އުޅޭ ކޮކާމަހުގެ ބާވަތެކެވެ.

މިއީ ވަރަށް ރީތި ކުލަތަކުން ކުރެހުން އެޅިފައި ހުންނަ އެކުއޭރިއަމްތަކުގައި ގެންގުޅުމަށް މީހުން ވަރަށް ޝައުޤުހުންނަ މަހެކެވެ. މިބާވަތުގެ މަސް ޢާއްމުގޮތެއްގައި އުޅެނީ އެތެރެވަރީގެ ފަރުތަކުގެ ގުންޑޮޅިތަކުގައެވެ. ޢާއްމުގޮތެއްގައި 5 މީޓަރާއި 25 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. މިމަސް 45 ސެންޓިމީޓަރަށް ބޮޑުވެއެވެ.

މިބާވަތުގެ ޅަމަސް ހުންނަނީ ބޮޑެތިމަހާއި މުޅިން ތަފާތު ކުލައެއްގައެވެ. ކަޅުކުލައިގެ މަހެއްގައި ހުދާއި މަޑުނޫކުލައިގެ ކުރެހުންތަކެއް މަހުގެ ހުރަހަށްވާގޮތަށް އަޅާފައެވެ. މިބާވަތުގެމަސް ޢާއްމުގޮތެއްގައި އުޅެނީ އެކަހެރިކޮށެވެ.

މަހުގެ ލޮލާއެކު ނިންމަތީ ހުންނަނީ ރީނދޫކުލައިގައެވެ. މަހުގެ ތުނބާއެކު ބޯމަތި ހުންނަނީ ނޫކުލައިގައި ކަޅާއި ރީނދޫކުލައިގެ ތިކިތަކެއް ޖަހާފައެވެ. މަތީކޮތަރިބައިގެ ފަހަތުގައި ކަޅުކުލައަކަށްދާ ގަދަނޫކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެއެވެ. ނިގޫފަތާއި މަތީކޮތަރިބައި ހުންނަނީ ރީނދޫކުލައިގައެވެ. އަދި ކޮތަރިތަކާއި ނިގޫފަތުގެ ކައިރިފަށް ހުންނަނީ ވަރަށް ރީތި ނޫކުލައެއްގައެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގެ އިގިރޭސިނަމާއި ސައިންޓިފިކްނަމާ ގުޅޭގޮތަށް މަހުގެ ސިފައަށް ވިސްނާ "ބޯރީނދޫކޮކާމަސް" ކިޔާފައިވަނީއެވެ.

އިނގިރޭަސި ނަން: Blue-faced angelfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!