މަސްވެރިކަމާއި ގުޅޭ

ތުންދިގުގާބޯ -- ފޮޓޯ/ ދަ ފިޝް އެންޑް ކޯރަލް ސްޓޯރ

ތުންދިގުގާބޯ

މިއީ ގާބޯ އާއިލާގައި ހިމެނޭ މަސްތަކުގެ ތެރެއިން އެންމެ ތުން ދިގުކޮށް ހުންނަ މަހެވެ. މިއީ ވަރަށް ރީތި މަހެކެވެ. މަހުގެ އުޅުމާއި ކުލަވަރަށް ބަލައިގެން ދިރޭމަސް ގެންގުޅޭ ފަރާތްތަކުން މިބާވަތުގެ މަސް ގެންގުޅުމަށް ޝައުގުވެރިކަން ދެއެވެ. ރާއްޖޭގައި މިބާވަތުގެ މަސް ހިފާއުޅޭ ހަމައެކަނި ބަޔަކީ ދިރޭ ކުދިމަސް ބޭރުކުރުމަށް ހިފާ އުޅޭ މީހުންނެވެ. އަދި މިއީ ރާއްޖެއިން ގިނަ ޢަދަދަކަށް ބޭރުކުރެވޭ މަހެކެވެ. މިއީ ޢާއްމުކޮށް 30 މީޓަރަށްވުރެ ފުންނހިސާބުތަކުގައި، އެންދެރިއާއި އެކި ޒާތްޒާތުގެ ގޮފި މުރަކަތަކުގެ މާޙައުލުގައި އުޅޭ މަހެކެވެ. މިމަސް ޢާއްމުގޮތެއްގައި ފެންނާނީ ތަންތަނުގައި ބަނޑުދަށްފަރާތް ޖައްސާލައިގެން ("އިށީދެގެން") ތިބޭތަނެވެ. މިއީ
މާބާރަށް ކޮޅުކޮޅުމައްޗަށް ދުވެހަދާ މަހެއް ނޫނެވެ. މަހުގެ ޢާއްމު ކާނާއަކީ ކުދިކުދި ކަކުނިފާޑުގެ ސޫތްޕެވެ. މިއީ 13 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ކުލައަކީ ހުދުކުލައެކެވެ. މުޅި މަހުގައި ގޮޑިގޮޅިއަށް ވާގޮތަށް ރަތް އޮރެންޖު ކުލައިގެ ކުރެހުމެއް ހުރެއެވެ. މަހުގެ ތުންގަޑު ހުންނަނީ ކޮޅަށް ދިގުކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ތިން ހަރުކަށްޓާއެކު ހަތް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 14 މަޑުކަށިހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ.

އިނގިރޭސި ނަން:Longnose hawkfish

މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!