ސްޓްރައިޕްޑް މާލިން ނުވަތަ ގަޅިޖެހި ހިބަރުގެ އާބާދީ، މުސްތަގުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ ދަށްވެފައިވާ ކަމަށް، 2020 ވަނަ އަހަރު ޝާއިއު ކުރި 'ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން' އިން ދައްކައެވެ.
އެ ޕްލޭންގައި ވާގޮތުން، އިންޑިއާ ކަނޑުން މަސްވެރިކަން ކުރެވެމުން ދަނީ އާބާދިއަށް ގެއްލުންވާނޭ މިންވަރަށެވެ.
ގަޅިޖެހި ހިބަރަކީ، ދުރު ސަރަހައްދުތަކަށް ހިޖުރަ ކުރާ، ޕެސިފިކް ކަނޑާއި އިންޑިޔާ ކަނޑުގެ ދުނިޔޭގެ އީކުއޭޓާ ސަރަހައްދުގެ ހޫނު ކަނޑުތަކާއި އަދި ފިނި ކަނޑުތަކުގައިވެސް އުޅޭ މަހެކެވެ.
ނަމަވެސް މަސްވެރިކަމުގައި، އެންމެ ގިނައިން ގަޅިޖެހި ހިބަރު ފެންނަނީ މެދުމިން ހޫނު އަދި ސަބް-އިކުޓޯރިއަލް ސަރަހައްދުންނެވެ. މިއީ ކަނޑުގެ ސަޠުހުން ފެށިގެން 200 މީޓަރާ ދެމެދު ފުނުގައި އުޅޭ މަހެކެވެ.
އިންޑިޔާ ކަނޑުގައި ގަޅިޖެހި ހިބަރުގެ ފެތުރިފައިވާ ގޮތަށް ބަލާއިރު، އެފްރިކާގެ އިރުމަތީ ކަނޑާއި، އަރަބި ކަނޑުގެ ހުޅަނގު ބިތުގައްޔާއި، ބޭ އޮފް ބެކްގޯލް އަދި އޮސްޓްރޭލިއާގެ ހުޅަނގު އުތުރު ސަރަހައްދުގެ ކަނޑުގައި މި ބާވަތް ވަރަށް ގިނައިން އުޅެއެވެ.
ނަމަވެސް ގަޅިޖެހި ހިބަރު ދިވެހިރާއްޖެއިން ފެންނަނީ ވަރަށް މަދުންނެވެ.
މި ބާވަތުގެ ހިބަރުގެ ކާނާއަކީ މުށިމަސް އަދި މިޔަރެން ފާޑުގެ ކުދި މަހެވެ. އަދި ބައެއް ފަހަރަށް ބޯވަދިލަމަހާއި، ކަކުނި ފާޑުގެ ތޮށިގަނޑުލީ ބާވަތްތައް ވެސް ކާނާގެ ގޮތުގައި ބޭނުން ކުރެއެވެ.
އާއްމު ގޮތެއްގައި ގަޅިޖެހި ހިބަރު ބޮޑުވަނީ 13 ފޫޓަށެވެ. ނަމަވެސް ޖުމުލަ ދިގުމިނުގައި ނުވަ ފޫޓު ހުންނަމަސް އާއްމުކޮށް ފެނެއެވެ. މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބަރު ގަޅިޖެހި ހިބަރުގައި ހުރީ 440 ކިލޯއެވެ.
އިންޑިޔާ ކަނޑުގައި އުޅޭ ގަޅިޖެހި ހިބަރުގެ ފިރިހެންމަސް ފުރާވަރަށް އަޅަނީ ހަ ފޫޓު ބޮޑުވުމުންނެވެ. އަދި އަންހެންމަސް ފުރާވަރަށް އަޅާއިރު ދިގުމިނަކީ ހަތް ފޫޓެވެ.