FSeSSeSaIAEu_Xg

ގދ. ގައްދޫގައި 50 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީކުރަނީ

ގދ. ގައްދޫގައި މުޅީން އައު 50 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ މަސްވެރިންނަށް ފޯރުކޮށްދޭ އައިހުގެ ކެޕޭސިޓީ އިތުރުކޮށް ފަސޭހައިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ގދ. ގައްދޫގައި ގާއިމްކޮށް ހިންގަމުން ގެންދާ 25 ޓަނުގެ އައިސްޕްލާންޓުގެ ބަދަލުގައި މުޅީން އައު 50 ޓަނުގެ ޕްލާންޓެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ އިރު، މި މަޝްރޫޢުގެ ދަށުން އެ ރަށުގައި އައިސް ޕްލާންޓުގެ އިތުރަށް 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރެއްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އައިސް ޕްލާންޓު ޤާއިމްކޮށް ނިމުމުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ފަސޭހަކަމާއި އެކު ލިބުމުގުެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

ސަރުކާރުންދަނީ ދެކުނުގައި ޤާއިމްކުރާ މަސްވެރިކަމުގެ ވަސީލަތްތަކުގެ އަމަލީ މަސައްކަތްތައް އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރުކާރުން ވަނީ ދެކުނުގައި މަސްވެރިން އަތުން މަސް ގަތުމަށް ގދ. ތިނަދޫ އަދި މ.މުލަކުގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށްވެސް ނިންމާފައެވެ.

އަދި ކޫއްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، އޭގެތެރޭގައި ކޫއްޑޫގެ ބަނދަރު ތަރައްޤީކުރުމާއި، ކޯލްޑު ސްޓޯރޭޖު ބޮޑުކުރުމަށް ރާވާފައިވާ ކަމަށެވެ. މިއާއެކު މަސް ގަނެވޭ މިންވަރު އިތުރުވެގެންދާނެކަމަށް މިފްކޯއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!