މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ފުންހިސާބުގައި އުޅޭ ހިކައެކެވެ. މިބާވަތުގެ ހިކާ ގިނައިން ފެނިފައި ހުންނަނީ 20 މީޓަރާއި 36 މީޓަރާ ދެމެދުގެ ފުންމިނުންނެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިބާވަތުގެ ހިކާ ދިރޭމަސް ބޭރުކުރާ ފަރާތްތަކުން، ފުނުން ހިފާއުޅެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރީގައި ނުވަ ހަރުކަށްޓާއެކު 12 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި ތިން ހަރުކަށްޓާއެކު 12 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 13 މަޑުކަށި ހުރެއެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ކުލައަކީ މުށި އޮރެންޖު ކުލައެކެވެ. މަހުގެ ދިގަށްވާގޮތަށް މުޅި ހަށިގަނޑުގައި ފަނޑުކޮށް ހިމަ ރޮނގުތަކެއް ހުރެއެވެ. އަދި މި ރޮނގުތައް ހުންނަނީ ކެނޑިކެނޑިފައެވެ. މަހުގެ އަރިމަތީގައި ރޮނގުތަކުގެ އިތުރަށް ތިކިތަކެއްވެސް ހުރެއެވެ. ނިގޫފަތުގެ ކުލައަކީ ކަޅު ކުލައެވެ. ނިގޫފަތުގެ ބުޑުދަށުގައި ހުދުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. ކަރުތާފަތުގެ މަތީކަނުގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ހުރެއެވެ. މިބާވަތުގެ ފިރިހެންމަހުގެ ކަންފަތްގަނޑު ކައިރީގައި ރީނދޫކުލައިގެ ލަޕެއް ހުރެއެވެ. މިބާވަތުގެ ހިކާ 12 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ. މިބާވަތުގެ ހިކައަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގައި ހުންނަ ޚާއްސަ ސިފައަށް ވިސްނާ "ރޮނގުކެނޑިހިކާ" ކިޔާފައިވަނީއެވެ.
އިނގިރޭސި ނަން: Lined wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003