މަސްވެރިކަމާއި ގުޅޭ

ލައްކޮތަރިހިކާ -- ފޮޓޯ/ ސީ އަންސީން

ލައްކޮތަރިހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި އުޅޭ ހިކައެކެވެ. މިބާވަތުގެ ކުދި ހިކާ ޢާއްމުގޮތެއްގައި އުޅެނީ ފަރުތަކުގައި ހުންނަ ޤުދުރަތީ ހޮހަޅަތަކުގެ ތެރޭގައެވެ. މިބާވަތުގެ ހިކާ ރާއްޖޭގެ ފަރުތަކުން ހިފާއުޅެނީ ހަމައެކަނި ދިރޭމަސް ބޭރުކުރާ ފަރާތްތަކުންނެވެ. މިއީ ޓޭންކުތަކުގައި ގެންގުޅެން ރީތި މަހެކެވެ. މިބާވަތުގެ ހިކައަކީ އެހެނިހެންމަސްމަހުގައި ކޮށާއުޅޭ ހިކައެކެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 12 ހަރުކަށްޓާއެކު 9 ނުވަތަ 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 12 ނުވަތަ 13 މަޑުކަށިހުރެއެވެ. މަހުގެ ތުންކޮޅު ހުންނަނީ އޫކޮށެވެ. މިބާވަތުގެ ޅަމަސް ހުންނަނީ ކަޅުކުލައިގައި ހުދުކުލައިގެ ލައްތަކެއް ޖަހާފައެވެ. ބޮޑެތިވީވީހެން މުށިކުލައަކަށް ބަދަލުވެ ހުދުކުލައިގެ ލައްތައް ފިލާދެއެވެ. މަހުގެ މަތީކޮތަރީގެ ކުރީކޮޅުގައްޔާއި ފަހަތުގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެއެވެ. އަދި ބަނޑުދަށްފަރާތު ކޮތަރިބައިގައިވެސް ކަޅުކުލައިގެ ލަފެއް ހުރެއެވެ.ކަންފަތްގަނޑުގެ ބުޑުދަށުގައިވެސް ކަޅުކުލައިގެ ލަފެއްހުރެއެވެ. މަހުގެ ކުރީކޮޅު ހުންނަނީ ރަތްމުށިކުލައިގައެވެ. މަހުގެ ބަނޑުގެ މެދެއްހާ ހިސާބުން ފެށިގެން މަތީ ކޮތަރީގެ ފަހަތުބަޔާ ހަމައަށް ކަތިކޮށް މަހުގެ ފަހަތުބައިގެ ކުލަ ހުންނަނީ ފަނޑު ކޮށެވެ. މިމަހަށްކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ ސައިންޓިފިކް ނަމާއި އިނގިރޭސި ނަމާ ގުޅޭގޮތަށް މަހުގައިވާ ޚާއްސަ ސިފަތަކަށް ވިސްނާ "ލައްކޮތަރިހިކާ" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން:Axil spot hogfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!