މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި 6 މީޓަރާ 30 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ ހިކާގެ ބާވަތެކެވެ. މިއީ ވަރަށް ގިނަ ގޮތްގޮތުން "ލައްކޮތަރިހިކާ" އާއި އެއްގޮތް މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުން ކޮށްއުޅޭ މަހެއްނޫނެވެ. މިބާވަތުގެ ހިކާ ރާއްޖޭގެ ފަރުތަކުން ހިފައިގެން ދިރިތިއްބާ ބޭރުކޮށްއުޅެއެވެ. މިއީ މަސްޓޭންކުތަކުގައި ގެންގުޅެން ރީތިމަހެކެވެ. މިބާވަތުގެ ހިކާ އެންމެ ބޮޑުވަނީ 25 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރީގައި 12 ހަރުކަށްޓާއެކު 9 ނުވަތަ 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިގައި 3 ހަރުކަށްޓާއެކު 10 އާއި 12 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިބާވަތުގެ މަސް ތިބެނީ ރަތްކުލައިގައި ހުދުކުލައިގެ ތިކިތަކެއްޖަހާފައެވެ. އަދި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މަހުގެ ކަންފަތާ ދިމާލުން ބަނޑުދަށްފަރާތުގައި ހުންނަ ކުޑަކޮތަރިބައިގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ހުރެއެވެ. އަދި ބަނޑުދަށްފަރާތު ކޮތަރީގައި ކަޅުކުލައިގެ ދެލައްހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިކައިގެ ތިރިން މަހުގެ ދެފަރާތުގައި ހުދުކުލައިގެ ތިންތިކި ފާޅުކޮށް ފެންނަން ހުރެއެވެ. ބުރަކަށިމަތީގެ ކުލައަކީ ރަތްކުލައެކެވެ. މަހުގެ އަރިމައްޗާއި ބަނޑުދަށްފަރާތް
ހުންނަނީ ފަނޑުކުކުޅުބިސް ކުލައެއްގައެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގައި ހުރި
ޚާއްސަ ސިފައަށް ވިސްނާ "ތިންތިކިހިކާ" ކިޔާފައިވަނީއެވެ.
އިނގިރޭސި ނަން: Diana’s hogfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003