ތެތިކިހިކާ- ފޮޓޯ/ ގޫގުލް

ދެތިކިހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ފުން ހިސާބުތަކުގައި އުޅޭ ހިކައެކެވެ. މިބާވަތުގެ ހިކާ ރާއްޖޭގައި އުޅޭލެއް މަދެވެ. މިހާތަނަށް ރާއްޖެއިން ރެކޯޑްކުރެވިފައިވަނީ މިބާވަތުގެ އެންމެ ހިކައެކެވެ. މި ރެކޯޑް ޤާއިމް ކުރެވިފައިވަނީ މާލޭ އަތޮޅު އިހުރު ކައިރިން 30 މީޓަރާއި 42 މީޓަރާ ދެމެދުގެ ފުންމިނުން ހިފާފައިވާ މަހެއްގެ މައްޗަށް ބިނާކޮށެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. އެކްއޭރިއަމްތަކުގައި ގެންގުޅެން ރީތިމަހެކެވެ. މިހިކާ އެންމެ ބޮޑުވަނީ 15 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 9 އާއި 11 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މިބާވަތުގެ ހިކާ ޅައިރު އޭގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވައްކޮށެވެ. ބޮޑުވުމުން ނިގޫފަތުގެ މެދުގައި ހުންނަ ބައެއް މަޑުކަށިތައް ކޮޅަށް ދިގުކޮށް ހުރެއެވެ. މަހުގެ ކުލައަކީ މުށިކުލައެކެވެ. މަހުގައި ތިންތިކި ހުރެއެވެ. ލޮލުގެ ފަހަތުގައި އެއްޗިއްކާއި، އަރިމަތީގައްޔާއި ބުރަކަށިމަތީ ކޮތަރީގެ ކުރީގައި ދެތިއްކެވެ. ފާޅުކޮށް ފެންނަން ހުންނަނީ ލޮލުގެ ފަހަތުގައި ހުންނަ ތިއްކާއި މަހުގެ މެދުގައި ހުންނަ ތިއްކެވެ. މަހުގެ ލޮލުގެ ކައިރީގައި ލޮލުން ފެށިގެން ދުރަށްދާކަހަލަ ގޮތަކަށް ހުންނަ ނާރިނގުކުލައިގެ ރޮނގުތަކެއް ހުރެއެވެ.

މިހިކައަށް ކިޔާ ވަކި ޚާއްސަ ނަމެއް ނެތުމާއެކު މަހަށްކިޔާ އިނގިރޭސި ނަމާއި ގުޅޭގޮތަށް މަހުގައި ހުންނަ ޚާއްސަ ސިފައަށް ވިސްނާ "ދެތިކިހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Two-spot wrasse

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!