މަސްވެރިކަމާއި ގުޅޭ

ފަރިހިކާ

ފަރުތަކުގެ ބޭރުގައްޔާއި ފަރުމަތީގައި އުޅޭ ކުޑައިސްކޮޅެއްގެ މިހިކައަކީ މޫދުގައި އުޅޭއިރު ވަރަށް މަޑުމައިތިރި ފަރިހަރަކާތްތަކެއް ކުރާ މަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 11 ސެންޓިމީޓަރަށެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިބާވަތުގެ ހިކާ ރާއްޖޭގެ ފަރުފަޅުތަކުން ހިފާއުޅެނީ ހަމައެކަނި ދިރޭކުދިމަސް ބޭރުކުރާ ފަރާތްތަކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 8 ނުވަތަ 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. ކޮތަރިތަކުގެ ބުޑުދަށުގައި އެއްބަރިއަށް ހުންނަ ދިގު ހުޅުނބުތަކެއް ހުރެއެވެ.

މިބާވަތުގެ އަންހެންމަހާއި ފިރިހެންމަހުގެ ކުލައާއި ބައްޓަމުގައި ވަރަށްބޮޑުތަފާތު ހުރެއެވެ. އަންހެން މަހުގައި ހުންނަނީ ރަތްދަނބުކުލައެކެވެ. ނިގޫކޮޅުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. މަހުގެ ބަނޑުދަށްފަރާތުގެ ކުލަ ފަނޑެވެ. ނިންމަތި ހުންނަނީ ފަނޑު ރީނދޫކުލައެއްގައެވެ. ފިރިހެން މަހުގެ ކުލަވަރު އަންހެން މަހަށްވުރެ މާރީއްޗެވެ. ނިގޫފަތުގެ ދެކޮޅު ހުންނަނީ ފަހަތަށް ކުޑަކޮށް ދިގުކޮށެވެ. މުޅިމަހުގައި ހުންނަނީ ފަނޑުކޮށް ރަތްކުލައާއި ނޫކުލައިގެ ކުރެހުންތަކެއް އަޅާފައެވެ. އެކްއޭރިއަމްތަކުގައި ގެންގުޅެން މަހެކެވެ.

މިމަހަށްކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގެ މިޒާޖާ އުޅުމަށް ބަލާ މަހަށް ކިޔާ ސައިންޓިފިކްނަމާއި އިނގިރޭސި ނަމާ ގުޅޭގޮތަށް މިމަހަށް "ފަރިހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Exquisite wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!