ފާނައިގެ އާއިލާއަކީ ހަޔަވީގޮތުންނާއި އިގުތިސޯދީގޮތުން ތަފާތު ބާވަތްތަކެއްކެ މައްޗަށް އެކުލެވޭ އާއިލާއެކެވެ. ފާނަައިގެ ބާވަވްތައް ނިސްބަތްވަނީ ސެރަނިޑޭ އާއިލާގެ އެޕިނެފެލިނޭ ސަބްފެމެލީއަށެވެ.
މީގެ އިތުރުން އިގްތިސޯދީގޮތުން އެންމެ މުހިންމު ފާނައިގެ ބާވަތްތައް ނިސްބަތްވަނީ އެޕިނެފެލަސް އަދި ސެފަލޮފޯލިސް މި ދެ ޖީނަސް އަށެވެ.
މުޅި ދުނިޔެއަށް ބަލާއިރު، 16 ޖީނަސް އަކަށް ނިސްބަވްތާ، 160 އަށްވުރެ ގިނަ ފާނައިގެ ބާވަތްތައް ވަނީ ރެކޯޑު ކުރެވިފައެވެ. އޭގެ ތެރެއިން، ދިވެހި ރާއްޖޭގައި އުޅޭކަމަށް ރެކޯޑު ކުރެވިފައި ވަނީ 41 ބާވަތެވެ.
ފާނައިގެ ބާވަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އުޅެއެވެ. ނަމަވެސް ފާނައިގެ ދިރިއުޅުމުގެ ބުރުގެ އެކި މަރުހަލާ ތަކަށާއި އެހެނިހެން ކަންކަމަށް ބިނާކޮށް، ފާނައިގެ ވަކިވަކި ބާވަތްތައް އުޅޭ މާހައުކު ތަފާތުވެއެވެ.
އެގޮތުން، ކުދި ފާނަ އެންމެ ގިނައިން އުޅެނީ އާއްމުގޮތެއްގައި، ގޮނޑުދޮށާއި ކައިރީގައި ހުންނަ މޫނު ވިނައާއި، އަކިރިތަކުގެ ތެރޭގައްޔާއި އެ ނޫންވެސް، ޅަ ފާނަ އާލާވުމަށް މަގުފަހިކޮށްދޭ ތަންތަނުގައެވެ.
ބޮޑެތި ފާނަ އުޅޭކަމަށް ފާހަގަވެފައި ވަނީ ދުނިޔޭގެ ދެބައިހަމަ ސަރަހައްދުގެ ހޫނު ކަނޑުތަކުގައްޔާއި، މެދުމިންވަރަކަށް ހޫނު ހިސާބުތަކުގައި، ކަނޑުގެ ބިިންގަނޑާ ކައިރީގައެވެ.