މަސްވެރިކަމާއި ގުޅޭ

މުށިހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިންއުޅޭ ހިކާގެ ބާވަތެކެވެ.

މިބާވަތުގެ ފަހިވާ ވަރަށް ތިލަ ހިސާބުތަކުގައި އުޅެއެވެ. އަދި ދިޔަވަރު ހިކި ބެދިފައި އޮންނައިރު ފަޅުތެރޭގައި ހެދިފައި ހުންނަ ކުދި ފުންކޮޅުތަކުގެ ތެރޭގައްޔާއި ހުއިތަކުގެ ތެރޭގައި އުޅޭތީ ކުޑަކުދިން މޫދަށްއެރި މަސްހިފަން އުޅޭއިރު ގިނައިން ހިފާ އުޅެއެވެ. މިބާވަތުގެ އަންހެން ހިކާ މޫދުގައި ހުންނައިރު ހީވާނީ އޮޔާދާ ކުނިކޮޅެއްހެންނެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 13 ނުވަތަ 14 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 12 ނުވަތަ 13 މަޑުކަށިހުރެއެވެ. ނިގުލުގެ ކޮޅުހުންނަނީ ވަށްކޮށެވެ. ޅައިރުގެ ކުލައަކީ ކަޅުކުލައެވެ. މަތީ ކޮތަރިބައިގެ މެދުގައި ވަރަށް ފާޅުކަންބޮޑު ގަދަނޫކުލައިގެ ލަފެއް ހުރެއެވެ. މިލަފުގެ ވަށައިގެން ހުދުކުލައިގެ ރޮނގެއްހުރެއެވެ. ނިގޫފަތް ހުންނަނީ ހުދުކުލައިގައެވެ. ފިރިހެންމަސް ހުންނަނީ ނޫމުށިކުލައިގައެވެ. އަދި ހުޅުނބުގެ މެދުގައި ގަދަނޫކުލައިގެ ލަފެއް ހުރެއެވެ.

މަހުގެ ބޮލުގައި ކައްޗަށް ހުންނަ ގަދަނޫކުލައިގެ ހިމަ ރޮނގުތަކެއް ހުރެއެވެ. ނިގޫފަތުގެ ކައިރިފަށް ހުންނަނީ ރީނދޫކުލައިގައެވެ. މިބާވަތުގެ ހިކައަށް ކިޔާ ވަކިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިކިކާ ޢާއްމުކޮށް ގިނައިން ފެންނަ ދުވަސްވަރު މަހުގައިހުންނަ ފާޅުކަންބޮޑު މުށިކުލައާއި ގުޅުވައިގެން "މުށިހިކާ” ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Dusky wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!