big_Wus4gS7Y0GuMCRHiM2CMg4fIX

ހިމާޔަތް ކޮށްފައިވާ ތަންތަން ބަލަހައްޓާ މިންވަރު ބަލަން ދިރާސާ ކުރަނީ

ދިވެހި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓޭ މިންވަރު ދެނެގަތުމުގެ ދިރާސާއެއް ކުރަން ފަށައިފިއެވެ. މިއީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެންބަސީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އަދި އީޕީއޭ ގުޅިގެން ކުރިއަށް ގެންދާ ދިރާސާއެކެވެ.

މި ދިރާސާ ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ބ. އަތޮޅާއި ދ. އަތޮޅުގައެވެ.

މި ދިރާސާ އަލިއަޅުވާލަން ހަމަޖެހިފައި ވަނީ، އެއްގަމާއި ކަނޑުގެ ދިރުންތަކާއި ދުނިޔެއިން ނެތި ފަނާވެ ގޮސްދާނެކަމުގެ ބިރު ހިވެފައި އޮތް ދިރުންތައް ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ.

ބ.އަތޮޅުގައި ދިރާސާ ކޮށްފައި ވަނީ،  ހިމާޔަތްކޮށް ބަލަހައްޓާ ހަނިފަރު ހިމެނޭސަރަހައްދުގެ މެނޭޖްމަންޓް ޕްލޭނަށެވެ. އީޕީއޭއިން ބުނެފައި ވަނީ، ޕްލޭންގައި ހުރި ގޮތަށް އެތަން ބަލަހައްޓާ ކަމަށެވެ.

ބ.އަތޮޅުގައި އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓްތަކާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ވަނީ ބައިވެރިވެފައެވެ.

ދ. އަތޮޅުގައި މި މަސައްކަތް ކުރިއަށް ދިޔައީ  ދ.ކުޑަހުވަދޫ ފަރުގައި އޮންނަ ގްރޫޕާ ބްރީޑިން ނުވަތަ ފާނަ ވިހާ އާލާވާ ތަން ހިމާޔަތްކޮށް ބަލަހައްޓާ މިންވަރު ދެނެގަތުމުގެ މަސައްކަތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!