މއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި އުޅޭ ހިއެކެވެ.
މިބާތުގެ ހިކާ 1 މީޓަރާއި 20 ދެމެދުގެ ފުންމިނުގައި އުޅެއެވެ. މއި ކާނާލިބުމަށްޓަކައި އަނގައަށް ވެލިއަޅައިގެން އެވެލިން ދިރޭ ސޫފި ވަކިކޮށްގެން ކައިއުޅޭމަހެކެވެ. ކާނާ ލިބިގަތުމަށްފަހު ވެލިތައް އަނގައިން ބޭރުކޮށްލައެވެ. މިގޮތުން ކައިއުޅެނީ ކުދި ކުނިފާޑުގެ ސޫތްޕާއި، ކުދިކަށިބޯވާޒާތުގެ އެއްޗިއްސެވެ. މަހުގެ ތުންފަތް ހުންނަނީ ވަރަށް ބޯކޮށް މަޑުކޮށެވެ.
މަހުގެގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ފެށޭކޮޅުން ފެށިގެން ކައްޗަށް ބަނޑުދަށްފަރާތު ކޮތަރިބައިގެ ފެށޭހިސާބުން ކަތިކޮށް މަހުގެ ފަހަތުބައި ހުންނަނީ ފެހިދަނބުކުލައެއްގައެވެ. ލޮލުގެ ވަށައިގެން ރަތްކުލައިގެ ކުރެހުންތަކެއް ހުރެއެވެ. ކޮތަރިތަކުގެ ކައިރިފަށުގައި ނޫކުލައިގެ ރޮނގެއް ހުރެއެވެ. މަހުގެ ހުޅުނބުތަކުގއި ނޫކުލައިގެ ލަފެއް ހުރެއެވެ. މިބާވަތުގެ ކުދިމަހުގެ މެދުގައި ކައްޗަށްވާގޮތަށް ހުދުކުލައިގެ ފުޅާރޮނގެއް ހުރެއެވެ. ނިގޫފަތް ހުންނަނީ ދޮންނާރިނގުކުލައިގައެވެ. ބޯކޮޅު ހުންނަނީ ފަނޑު އަލިކުލައެއްގައެވެ.
މިމަސް އެންމެ ބޮޑުވަނީ 50 ސެންޓިމީޓަރަށެވެ. މިބާވަތުގެ މަހަށް ކިޔާ ވަކި ޙާއްސަނަމެއްރެކޯޑްކުރވިފައި ނެތުމާއެކު މިމަހުގެ ސިފައާ ގުޅޭގޮތުން "ކަޅަލި ތުންބޯހިކާ" ކިއާފައިވަނީއެވެ.