މަސްވެރިކަމާއި ގުޅޭ

photo_2022-06-16_08-03-48

ކައުންސިލަރު ކަމުން ދުރުވެއްޖެނަމަ ދެންވެސް ހަސަން ފެންނާނީ މަސްވެރިކަމުން

ނ. ކެނދިކުުޅުދޫ ކައުންސިލަށް ހަސަން މުހައްމަދު ހޮވުމުގެ ކުރިން އެއީ ހަތަރު ކަށިމަތި މަސްވެރިއެކެވެ. ކައުންސިލަރަކަށް ވުމުގެ ކުރިން އޭނާ ވަނީ މެދު ނުކެނޑި 27 އަހަރު މަސްވެރިކަމުގައި އުޅެފައެވެ. އޭގެ ތެރޭގައި އޮޑިދޯނިފަހަރު ދުއްވުން ހިމެނެއެވެ.

ހަސަން އަކީ އެ ކުރާ ކަމެއް ވަރަށް ރަނގަޅަށް ކުރަން ބޭނުންވާ މީހެއްކަން އެނގިގެން ދަނީ، އެހާ ގިނަ ދުވަހު އެއް ކަމެއްގައި އުޅުމުންނެވެ. އޭނާ ވަނީ އެއް ދޯނި 12 އަހަރު ވަންދެން ވެސް ދުއްވާފައެވެ.

އޭނާ ބުނި ގޮތުންނަމަ، އޭނާ ދުއްވި ދޯނިތަކުގެ ތެރޭގައި ފަހިރޯދި، ނިޔަމި ހިމެނެއެވެ. އެންމެ ފަހުން ހަސަން ދުއްވާފައި ވަނީ ބ. ތުޅާދޫއަށް ނިސްބަތްވާ، 500 ހޯސްޕަވަރ އިންޖީނު އަޅާފައި ހުރި ދޯންޏެކެވެ.

ހަސަން އެންމެ ފުރަތަމަ މާލޭގައި މަހަށް ދާން އުޅުނު އިރުގެ ހަނދާންތައް އާކުރަމުން ބުނީ، އެންމެ ފުރަތަމަ މަހަށް ދާން އުޅުނީ 1 އެސްއެމް އަޅާފައި އިން، ކުޑަކުޑަ، 35 ފޫޓު ދޯންޏެއްގައި ކަމަށެވެ. އޭގެ ފަހުން 40 ފޫޓު ދޯންޏެއްގައި ވެސް އޭނާ މަސައްކަތް ކޮށްފައިވެއެވެ.

އެންމެ ފުރަތަމަ ކަންނެލީގެ މަސްވެރިކަން ކުރަން ފެށިއިރު ބިގްފިޝް ނާޝިދުމެން ކަންނެލި ގަތް އިރުގައި، ފިނި ނުކުރާ ކަންނެލި ގެންގޮސް މާލޭ ޓީ ޖެޓީގައި ހަތް ރުފިޔާއަށް ނުވަތަ އަށް ރުފިޔާއަށް ކިރި ހަނދާންތައްވެސް ތާޒާކަމާއެކު ހަސަންގެ ހަނދާނުގައި ހަރުލާ ހުއްޓެވެ.

އޭގެ ފަހުން 12، 15 ރުފިޔާއަށް ކަންނެލީގެ އަގު އެރި ކަމަށްވެސް ހަސަން ބުނެއެވެ. މިހާރު ކަންނެލީގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

ހަސަން ބުނި ގޮތުގައި އޭރު ދޯނި ދުއްވުމުގައި ޒުވާނުން ގެންގުޅުނު ކަމަށާއި، އޭރު އުޅުނު 3 ކެޔޮޅުން އަދިވެސް އެ މަސައްކަތުގައި އުޅޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކައުންސިލަރު ކަމަށް އާދެވުނުގޮތް ކިޔައިދެމުން ހަސަން ބުނީ، މާލޭގައި ހަސަން މަސްވެރިކަމުގައި އުޅެމުން، ރަށުގެ ތަރައްގީއާ ގުޅޭ ގިނަ ކަންކަމުގައި ހަރަކާތްތެރިވެ، އެހީތެރިވާން ފެށުނެކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަވެ، ރަށުގެ ކުރިއެރުމަށް އިތުރަށް ގިނަ ކަންތައްތަކެއް ކޮށްދިނުުގެ ނިޔަތުގައި ރަށު ކައުންސިލާ ގުޅުނީއެވެ.

ކައުންސިލްގެ ދައުރު ހަމަވުމުން ނުވަތަ ކައުންސިލްގެ މަގާމާ ދުރުވެއްޖެނަމަ ދެން ހަސަން ފެންނާނީ މަސްވެރިކަމުގެ ރޮނގުން ކަމަށް އޭނާ ބުނެއެވެ. ސަބަބަކީ އެއީ ހަގީގަތުގައި މަސްވެރިއެއް ކަމަށް ވާތީއެވެ،

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!