Disappearing wrasse

މިޔަކަންހުދުހިކާ

މިއީ ރާއްޖޭގެ ފަރުތަކުގައި ހުންނަ ޤުދުރަތީ ހޮހޮޅަ ތަކުގައްޔާއި ގުންޑޮޅިތަކުގެ ދަށުގައި އުޅޭ ހިކައެކެވެ.

މިއީ ދިވެހިން ކައިއުޅޭ ހިކައެއް ނޫނެވެ. މިއީ ވަރަށް ކުޑަ އިސްކޮޅެއްގެ ހިކައެކެވެ. މިމަސް އެންމެ ބޮޑުވަނީ 8 ސެންޓިމީޓަރަށެވެ. މަހުގެ ނިގޫފަތުގެކޮޅު ހުންނަނީ ވަށްކޮށެވެ. ފަރުތަކުގެ ބޭރުގައި އުޅޭ ހިކާގެ ތަފާތު ބާވަތްތައް ހިފާ ދިރިތިއްބާ ރާއްޖެއިން ބޭރަށް ފޮނުވާއިރު މިހިކާވެސް ފޮނުވާއުޅެއެވެ. މިހިކާގެ ކޮތަރިތަކުގެ ބުޑުދަށުގައި ގިނައިން ހުޅުނބުހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބަޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ތުންކޮޅު ހުންނަނީ ދިގުކޮށެވެ. ކުލައަކީ ފނަޑުރަތްކުލައެކެވެ. މަހުގެ ދިގަށް ހުދުކުލައިގެ ހިމަ ރޮނގުތަކެއް ހުރެއެވެ.

ފަނޑު ނޫކުލައެއް އަރާ ހުދުކުލައިގެ ފުޅާރޮނގެއް އަނގައިގެ މިޔަކަނުން ފެށިގެން ކަރުތާފަތުގެ ކުރީބަޔަށް ހުރެއެވެ. މިއީ މި މަހުގެ ހުންނަ އެންމެ އަޅައިގަންނަ އެއްސިފައެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ އޮމާންކޮށެވެ. މިމަހަށް ކިޔާ ވަކި ޙާއްސަނަމެއް ރެކޯޑުކުރެވިފައި ނެތުމާއެކު މިމަހުގައި އެންމެ ސާފުކުރެވޭ އެއް ސިފައަށް ވިސްނާ ދެނެގަންނަން ފަސޭހަވާނޭގޮތަށް "މިޔަކަންހުދުހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Disappearing wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!