މަސްވެރިކަމާއި ގުޅޭ

ހަރޮނގުހިކާ

މއީ ރާއްޖޭގެ ފަރުފަތަކުގެ ބޭރުގައި އުޅޭ ކުޑައިސްކޮޅެއްގެ ހިއެކެވެ.

މިބާވަތުގެ ހިކާ އާއްމުގޮތެއްގައި އުޅެނީ 5 މީޓަރަށްވުރެ ފުންހިސާބުގައެވެ. ގިނައިން އުޅޭތަން ފެންނަނީ އެކަހެރިކޮށެވެ. ނަމަވެސް ވަރަށް މަދުން ޖޯޑުޖޯޑަށް އުޅޭތަން ފެނެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. ރާއްޖެއިން ދިރޭމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ހިކާ ހިފާއުޅެއެވެ. މިއީ ވަރަށް ވަގުކޮށް ފަރުގެ ގާތަކުގެ ނިވަލުގައި އުޅޭ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ބޮލުގައި ހުޅުނބު ހުރެއެވެ. މަހުގެ ކޮތަރިތަކުގެ ބުޑުދަށުގައި ފުޅާ ހުޅުނބުތަކެއް ހުރެއެވެ. ކަރުތާފތުގެ ކުރީބައގެ ކައިރިފަށް ހުންނަނީ އޮމާންކޮށެވެ. ނިގޫފަތް ހުންނަނީ ކޮޅަށް ވައްކޮށެވެ.

މަހުގެކުލައަކީ ދަނބުކުލައެކެވެ. މަހުގެ މަތީކައިރިން ފެށިގެން ތިރިއަށް މަހުގެ ދިގަށް އޮރެންޖުކުލައިގެ ފުޅާ ހަރޮނގު ފާޅުކޮށް ފެންނަން ހުރެއެވެ. ނިގޫފަތް ހުންނަނީ ފެހިކުލައިގައެވެ. ކަޅުކުލައިގެ ލަފެއް ނިގޫފަތުގެ ބަނޑުދޮށުގެ މަތީބައިގައި ހުރެއެވެ. މިއީ 7.5 ސެންޓިމީޓަރަށް ބޮޑުވާ ހާމަތަންތަނުން ޢާންމުކޮށް ނުފެންނަމަހެކެވެ.

މިބާވަތުގެ ހިކައަށް ވަކި ޙާއްސަނަމެއް ރެކޯޑުކުރެވިފައި ނެތުމާއެކު މިމަހުގައި މަހަށް ކިޔާ ސައިންޓިފިކްނަމާއި، އިނގިރޭސީނަމާ ގުޅޭގޮތަށް މަހުގެ ސިފައަށް ވިސްނާ "ހަރޮނގުހިކާ" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Sixstripe wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!