މަސްވެރިކަމާއި ގުޅޭ

ފާނަ ވިއްކުމަށް ބާއްވާ ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފި
ފާނަ ވިއްކުމަށް ބާއްވާ ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފި

ފާނަ ވިއްކުމަށް ބާއްވާ ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފި

ރާއްޖޭގައި މުޅިން އަލަށް މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ (Brown Marbled Grouper) ވިއްކުމަށް ބާއްވާ ނީލަމުގައި ރަޖިސްޓަރީ ކުރުމަށް ފިޝަރީޒް މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިފަހަރުގެ ނީލަމުގައި ވިއްކަނީ އދ. މަހިބަދޫން ހޮވާލެވުނު 7 ގޭބިސީއަކުން ބޮޑުކޮށްފައިވާ ފާނަކަމަށެވެ. ވިއްކުމަށް ހަމަޖެހިފައިވަނީ ބަރުދަނުގައި 450 ގްރާމަށްވުރެ ބޮޑުވެފައިވާ ފާނައެވެ. 437 އާއި 715 ދެމެދުގެ އަދަދަކަށް މާކެޓް ސައިޒުގެ ފާނަ ވަކިވަކި ކޮށިތަކުގައި ސްޓޮކް ކުރެވިފައި ވާކަމަށް އެމިނިސްޓްރީން ބުނެއެވެ.
މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގަމުންދާ ދިގުމުއްދަތުގެ ޕްރޮގްރާމުގެ ތެރެއިން، ރާއްޖޭގައި މޫދުކޮށީގައި ފާނަ ބޮޑުކޮށްގެން މާކެޓަށް ނެރޭ ފުރަތަމަ ފަހަރެވެ. މެރިކަލްޗަރ ތަރައްޤީކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުންދާ މަސައްކަތްތަކެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އދ. މަހިބަދޫގައި އާލާކޮށްފައިވާ ފާނަތައް ނީލަން ކިއުމަށް މިދިޔަމަހުގެ 16 އިން 19 އަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާކަމަށެވެ. އެހެން ކަމުން ވަގުތު ރަޖިސްޓަރީ ވުމަށް އިތުރު ވަގުތު ދިނުމަށްފަހު މިފަހަރު ހުޅުވާލާނީ ވަކިވަކި ކޮށިކޮށީގައި ހުރި ފާނަ ވިއްކާލުމަށްކަމަށެވެ.
މިފަހަރު މި ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު، މިކަމަށް ޚާއްސަކޮށްފައިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއިޓުގެ ވެބްޕޭޖް https://auction.mmri.gov.mv މެދުވެރިކޮށް، މިއަދުން ފެށިގެން ހުޅުވާލެވިފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ. ކުރިން ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީ ވާކަށް ނުޖެހޭނެއެވެ.
މި ނީލަމުގައި ވިއްކާ ފާނައަކީ ވަރލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ދާއިރާއެއް އުފެއްދުމަށް ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން، އދ. އަތޮޅުގެ 4 ރަށަކަށް އަމާޒުކޮށްގެން ހިންގަމުންދާ ހަރަކާތެއްގެ އުފެއްދުންތަކެވެ. މިގޮތުން، އދ. އަތޮޅު ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ކައުންސިލާއި ގުޅިގެން ހިންގާ ފާނަ ބޮޑުކުރުމުގެ ޕައިލެޓް ހަރަކާތުގައި މި ހަތަރު ރަށުން ޖުމްލަ 19 ގޭބިސީއަކާއިއެކު ފާނަ ބޮޑުކުރުން ތަޖުރިބާކުރަން މިއަހަރު ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.
ޕައިލެޓް ހަރަކާތް ހިންގަނީ ކޮންމެ ގޭބިސީއަކަށް ފާނަ ކޮށްޓާއި، ކުދި ފާނައާއި މަސްކާނާ ފޯރުކޮށްދީ، މިކަމަށް ބޭނުންވާ ތަމްރީނާއި ފަންނީ ލަފާ އެފަރާތްތަކަށް ދީގެންނެވެ. މިހާތަނަށް ތަކެތި ހަވާލުކޮށް، އަމަލީ މަސައްކަތް ފެށިފައިވަނީ މަހިބަދޫ އަދި އޮމަދޫން ހޮވުނު 11 ގޭބިސީއަކަށެވެ. ދޮގުރަށާއި ދަނގެތިން ހޮވުނު ފަރާތްތަކަށް މިމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ހަވާލުނުކުރެވި ވަނީ ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ނީލަން ކުރިއަށް ދާނޭ ދުވަހެއް އެ މިނިސްޓްރީން އަދި އިއުލާނެއް ނުކުރެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!