މަސްވެރިކަމާއި ގުޅޭ

ދިރޭ ކުދިމަހުގެ މަސްވެރިކަން ފެށުނުއިރު ބޭނުންކުރީ ކަނޑުގެ 250 ހެކްޓަރު

ރާއްޖޭގައި ދިރޭ ކުދިމަހުގެ މަސްވެރިކަން ކުރާ ފަރުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި އެކި ދުވަސްވަރު ދިރާސާތައް ކުރެވިފައި އެބަހުއްޓެވެ.

ރާއްޖޭގެ ފަރުތަކާއި، ދިރޭކުދިމަހާ ބެހޭގޮތުން ހެދިފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގައި އެންމެ ފުރަތަމަ ދިރޭ ކުދިމަހުގެ މަސްވެރިކަން ފެށިގެން އައިއިރު، ބޭނުންކުރީ ފަރުގެ 250 ހެކްޓަރެވެ.

އޭގެފަހުން 2014 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، އޭގެ ކުރިއާ އަޅާބަލާއިރު، މަސްވެރިކަމުގައި ބޭނުންކުރާ ފަރުގެ ސަރަހައްދު ވަނީ 20 ގުނަ އިތުރުވެފައެވެ.

އެހެންކަމުން އެ އަހަރު، ދިރޭ ކުދިމަހުގެ މަސްވެރިކަމަށް 5000 ހެކްޓަރުގެ ފަރުގެ ސަރަހައްދެއް ބޭނުންކުރާކަން ހާމަވިއެވެ.

އެގޮތުން، 1990ގެ އަހަރުތަކުގެ ކުރީކޮޅު އޭޖޭ އެޑްވާޑްސް އާއި އޭޑީ ޝެޕާޑް ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ދިރޭކުދިމަހުގެ މަސްވެރިކަމުގައި ކޮންމެ ފަރަކުން ބޭނުންކުރާ ކަމަށް އަންދާޒާ ކުރެވިފައި ވަނީ 11 ޕަސެންޓެވެ. އެއީ މުޅި ރާއްޖެއިން ބޭނުންކުރާ ފަރުގެ 250 ހެކްޓަރެވެ.

އެމްއެސް އާދަމް 1995 ވަނަ އަަހަރު ކުރި ދިރާސާއިން ދައްކާގޮތުގައި ދިރޭކުދިމަހުގެ މަސްވެރިކަމުގައި ކޮންމެ ފަރަކުން ބޭނުންކުރާ ކަމަށް އަންދާޒާ ކުރެވިފައި ވަނީ 15 ޕަސެންޓެވެ. އެއީ މުޅި ރާއްޖެއިން ބޭނުންކުރާ ފަރުގެ 850 ހެކްޓަރެވެ.

މީގެ އިތުރުން، 2014 ވަނަ އަހަރު އެލް ވުޑްސް އަދި އެހެނިހެން ފަރާތްތަކުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ދިރޭކުދިމަހުގެ މަސްވެރިކަމުގައި ކޮންމެ ފަރަކުން ބޭނުންކުރާ ކަމަށް އަންދާޒާ ކުރެވިފައި ވަނީ 13 ޕަސެންޓެވެ. އެއީ މުޅި ރާއްޖެއިން ބޭނުންކުރާ ފަރުގެ 4،972 ހެކްޓަރެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!