މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ވިއެޓުނާމުގެ މަސް ބޯޓެއް އަތުލައިގަނެފިއެވެ.
މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓު އެޖެންސީ، އެމްއެމްއީއޭ އިން ބުނީ އެ ބޯޓު އަތުލައިގަނެފައިވަނީ މެލޭޝިއާގެ ޓަންޖުންގ ސިމްޕަންގު މެންގަޔައުގެ 118 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި މި ބޯޓު އަތުލައިގަތުމަށް ކުރި މަސައްކަތުގައި ގަދަ ބާރު ދައްކާ ހަދާފައިވާ ކަމަށްވެސް އެމްއެމްއީއޭއިން ބުނެއެވެ.
އަތުލައިގަތް ބޯޓުގައި 41 ވިއެޓުނާމަށް ނިސްބަތްވާ ފަޅުވެރިން ތިބި ކަމަށާއި މިމީހުންގެ އުމުރުފުރާއަކީ 18 އަހަރާއި 58 އަހަރާއި ދެމެދު ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
މި ބޯޓުގައި މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމުގެ އެއްވެސް ހުއްދައެއް ނެތެވެ. އަދި އެކަމާއި ގުޅޭ އެއްވެސް ލިޔެކިޔުމެއްވެސް ނެތެވެ. އަދި މި ބޯޓުން 3 ޓަނުގެ މަހުގެ ބާވަތްތައް ފެނިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބޯވަދިހަ މަހެވެ. މިކަމާއި ގުޅޭ ތަހުޤީގުތައް ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެމްއީއޭއިން މައުލޫމާތުދޭގޮތުގައި މި ބޯޓާއި އަދި މި ބޯޓުން އަތުލައިގަނެފައިވާ މަހުގެ ބާވަތްތަކުގެ އަގު 340700 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ.