ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި ގުޅިގެން މަހާރާސްތުރާގެ މަސްވެރިންނަށް މަސް ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މަހާރާސްތްރާ ސްޓޭޓުގެ މުމްބާއީއަށް ނިސްބަތްވާ މަސްވެރިއެއް ކަމަށްވާ ދަރުޝަން ކިނީ ބުނާގޮތުގައި ބައެއް ދުވަސްތަކުގައި ކަނޑުމަތީގައި އުޅެފައި އެނބުރި އަންނަން ޖެހެނީ އެއްްވެސް މަހެއްް ނުބޭނި ކަމަށެވެ.
މިހާރު އުމުރުން 36 އަހަރުގެ ކިނީ މި ހިސާބުގަނޑުގައި މަހަށްދާތާ މިހާރުވަނީ ގިިނަ އަހަރުތަކެއް ވެފައެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ މަހަށްދާން ފެށި އިރު އުމުރަކީ 4 އަހަރެވެ. އޭރާއި މިހާރާއި ވަރަށް ތަފާތެވެ. އެގޮތުން އޭރު އެހިސާބުގަނޑުގައި މަސް ތިޔާޤިކަން އޭނާ ފާހަގަކުރެއެވެ. އެގޮތުން ދާ އެއްލާ ކޮންމެ ފަހަރަކު ބާލީދީއެއްް ފުރެންދެން މަސް ބޭނޭ ކަމަށް އޭނާ ބުނެއެވެ.
މީގެ ކުރިން މުމްބާއީގެ މަސްވެރިންނަށް ގޮނޑުދޮށާއި 2 ނޫނީ 3 ކިލޯމީޓަރު ދުރުން މަސް ލިބެއެވެ. އެހެން ނަމަވެސް މިހާރު 30 ނޫނީ 40 ކިލޯ މީޓަރު ދުރަށް ދަތުރުކޮށްގެންވެސް މަސް ލިބުން ވަނީ ދަތިވެފައެވެ.
މެރިން ބަޔޮލޮޖިސްޓުން ބުނާގޮތުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި ގުޅިގެން ތިލަ ހިސާބުތަކުގައި އުޅޭ މަސްތައް ފުން ހިސާބުތަކަށް ދަތުރުކުރެއެވެ. އަދި މިގޮތަށް ލޮނުގަނޑު ހޫނުވުމުން މުރަކަތައްވެސް ހަލާކުވަމުންދިޔުމާއި އެކު މަސްތަކުގެ އާބާދީއަށްވެސް ދަނީ އޭގެ އަސަރުތައް ކުރަމުންނެވެ.
އަދި ލޮނުގަނޑު ހޫނުވުމާއި ގުޅިގެން މަސްތައް އާލާ މިންވަރަށްވެސް އެކަމުގެ އަސަރުތައް ކުރެއެވެ. އަދި މަސްތައް ކެއުމަށް ބޭނުންކުރާ ފައިޓޯޕްލޭންކްޓަންތައްވެސް ހޫނުގެ ސަބަބުން މަރުވުމަށް މެދުވެރިވާކަމަށް މެރިން ބަޔޮލޮޖިސްޓުން ބުނެއެވެ.