ތައިލޭންޑުގެ ޕުކެޓުގެ ކަނޑުގެ ސަރަޙައްދުން ޤަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ އިންޑޮނޭޝިއާގެ މަސްބޯޓެއް އަތުލައިގަނެފިއެވެ.
ރޯޔަލް ތައި ނޭވީ ތަރޑު އޭރިއާ ކޮމާންޑު އިން އިންޑޮނޭޝިއާއަށް ނިސްބަތްވާ މި މަސް ބޯޓު އަތުލައިގަނެފައިވަނީ ތައިލޭންޑުގެ މަސްވެރިން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. މިދިޔަ ހޮނިހިރު ދުވަހު ބޯޓު ނޭވީގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ތައިލޭންޑުގެ މަސްވެރިން ވަނީ ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ކަމަށް ބުނެ 65 ބޯޓަކާއި ގުޅޭގޮތުން ރިޕޯޓުކޮށްފައެވެ.
އަދި މި ރިޕޯޓުތައް ލިބުމުން ނޭވީއިން އެ ސަރަޙައްދަށްގޮސް ބެލި ބެލުމުން އަތުލައިގަނެވިފައިވަނީ އިންޑޮނޭޝިއާއަށް ނިސްބަތްވާ ބޯޓެކެވެ. މި ބޯޓުގައި 15 ފަޅުވެރިން ތިބި ކަމަށާއި، މިއީ އާދައިގެ ސައިޒެއްގެ ބޯޓެއް ކަމަށްވެސް ނޭވީއިން ބުނެއެވެ.
އެހެން ބައެއްް ބޯޓުތައްވެސް އެސަރަޙައްދުން ޤަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ނަމަވެސް، ނޭވީ އައުމާއި އެކު ބޯޓުތައް ވަނީ ހުޅަނގު ބިތުން ގޮސް އިންޑިއާ ކަނޑަށް ނިކުމެފައިއެވެ.
އަތުލައި ގަނެވުނު ބޯޓާއި އޭގެ ފަޅުވެރިން ވަނީ ޕުކެޓުގެ ޗަލޮންގ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އެހެން ނަމަވެސް މި މީހުންނަށް އުފުލާފައިވަނީ ކޮން ދައުވާތަކެއް ކަމެއްް އަދި ސާފެއް ނުވެއެވެ.
ނޭވީއިން ހާމަކުރާގޮތުން އިންޑޮނޭޝިއާގެ މަސްވެރިން ތައިލޭންޑުުގެ ކަނޑުގެ ސަރަޙައްދަށް ވަދެ ޤަވާއިދާއި ހިލާފަށް މަސް ބާނާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް ލިބޭ ޝަކުވާއެކެވެ. އަދި ތައިލޭންޑު މަސްވެރިންގެ އަތުން މަސްވެރިކަމުގެ އާލާތްތައް ފޭރޭ މައްސަލައަކީވެސް މަސްވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ނޭވީއިން ހާމަކުރެއެވެ.
2021 އަދި 2022 ގައި ޖުމްލަ 3 ބޯޓެއް ނޭވީގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ހުރިހާ ފަހަރެއްގައިވެސް އަތުލައިގަނެވިފައިވަނީ އިންޑޮނޭޝިއާއަށް ނިސްބަތްވާ ބޯޓުތަކެވެ.