FVrtoT2aIAEYLPd

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޖަޕާން ސަަރުކާރުގެ އެހީގައި މަޝްރޫޢެއް ފަށައިފި

މަސްވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ނޫ ޢިޤްތިސާދުގެ ސިޔާސަތުތައް ފުޅާކުރުމުގެ މަޤްޞަދުގައި ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައު ޕްރޮޖެކްޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތާއި މި މަޝްރޫއުގެ ފުރަތަމަ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ ބައްދަލުވުން ބާއްވައިފިއެވެ. މި ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ފަންނީ އެހީތެރިކަމާއެކު ތަންފީޒުކުރާ ޕްރޮޖެކްޓެކެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއީ، ނޫ ޢިޤްތިޞާދު ފުޅާކުރުމުގެ ސިޔާސަތުގައި ތަންފީޒުކުރާ މިޕްރޮޖެކްޓަކީ، ޖަޕާނު ސަރުކާރުގެ އެހީގައި 2014 އިން 2017 އަށް ކުރިއަށް ގެންދިޔަ ސަސްޓެއިނަބްލް ފިޝަރީޒް ޑިވެލޮޕްމަންޓް ޕްލޭން އިން މުހިންމު ސަބް-ސެކްޓަރސް (އެސް.އެފް.ޑީ.ޕީ.އައި.އެސް) ނުވަތަ [މަސްޕްލޭން] ޕްރޮޖެކްޓްގައި މަސްވެރިކަމުގެ ދާއިރާގައި ހައްލު ހޯދުމަށް  ފާހަގަކުރެވުނު ބައެއް ކަންކަން ތަންފީޒުކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓްގެ ތެރެއިން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން،  ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކުރެވޭ މަސްވެރިކަމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުމާއި، ރާއްޖޭގައި ކުރެވޭ އެންވެރިކަމުގައި އެން ވަތުގައި އެން މަރުވާ ނިސްބަތް މަދުކުރުމާއި، މަސް ކައްކާ ހިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުން ހިމެނެއެވެ. މިގޮތުން، ކަނޑުމަހުގެ މަސްވެރިކަމުގައި ބާނާ މަހުގެ ކޮލިޓީ ރަނގަޅުކުރުމުގެ ގޮތުން ދޯނީގައި ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން ފަޅުވެރިން ތަމްރީނުކުރުމާއި، އެންވެރިކަމުގައި އެން ގެންގުޅެންޖެހޭ ގޮތާއި ބެހޭ ގޮތުން މަސްވެރިންނަށް ތަމްރީނު ދިނުމާއި، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަދި ވަކިން ޚާޢްސަކޮށް މަސް ކައްކާ ހިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލު ހޯދުމަކީ ޕްރޮޖެކްޓްގެ ދަށުން ހިންގޭ މުޙިއްމު ޙާރަކާތްތަކެވެ.

މި މަޝްރޫޢު އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވުނު ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސައިން ރަޝީދު ޙަސަން އަދި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޓަކެއުޝީ މިޑޯރީ ބައިވެރިވެފައިވެއެވެ. މިޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ ޙުސައިން ރަޝީދު ޙަސަން ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި ޖަޕާނުގެ މެދުގައި އޮންނަ ޒަމާނީ ގުޅުންވަނީ ފާހަގަ ކުރައްވާފައެވެ.

މިގޮތުން ރާއްޖެއަށް 2004ވަނަ އަހަރު އެރި ސުނާމީގައި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީ ފާހަގަކޮށް، އެ ދަތިކަމުގެ ތެރޭގައި މަސްވެރިންނަށް ޙާއްސަކޮށް ޖަޕާން ސަރުކާރުން ވެދެއްވާފައިވާ އެހީއަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ މިއަދު މިއޮތް ހިސާބަށް ކުރިއެރުވުމުގައި ޖަޕާނު ސަރުކާރުން ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންދާ ގިނަގުނަ މަސައްކަތްތައް ފާހަގަ ކުރައްވައި، މިނިސްޓަރ ވަނީ އެ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

މި މަޝްރޫއު އިފްތިތާހު ކުރުމުގެ ޖަލްސާއަށްފަހު މި މަޝްރޫއުގެ ފުރަތަމަ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ ބައްދަލުވުންވެސް ވަނީ ބޭއްވިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!