Ameeru

ގައްދޫގައި ގޭދޮށު މަސް ޕްލާންޓު އެޅުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކޮށްފައި ނުވާނެ: އަމީރު

ގދ. ގައްދޫގައި ގޭދޮށު މަސް ޕްލާންޓު އެޅުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކޮށްފައި ނުވާނެ ކަމަށް ދޭހަވާ ގޮތަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވައިފިއެވެ.

އިބްރާޙީމް އަމީރު މިހެން ވިދާޅުވެފައިވަނީ ގައްދޫ މަސް ފެކްޓަރީއާ ގުޅޭގޮތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ލިޔުމުން ޖަވާބު ހޯދަން ފޮނުއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މެންބަރުގެ ސުވާލުގައި ބުނެފައިވަނީ ގޭދޮށު މަސް ފެކްޓަރީ އަޅައި ހިންގުމަކީ މިނިސްޓަރު އަމީރު ނިސްބަތްވާ އެމްޑީޕީގެ ވައުދުތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް ހިމަނައި ބަލައިގަނެފައިވާ ކަމެއް ކަމަށެވެ.

ގައްދޫ ކައުންސިލުން ކުރި ބިޑެއްގައި ބޭރުގެ ފަރާތަކުން ކައުންސިލާ އެކު ގޭދޮށު މަސް ފެކްޓަރީއެއް ހިންގަން ތައްޔާރުވެ ތިބި ކަމަށް އެފަރާތުން ބުނާ ކަމަށްވެސް ސުވާލުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެކަން ވިޔަ ނުދީ ސަރުކާރުން ހިފަހައްޓާ ކަމަށް ތުހުމަތުކޮށް ، އެކަމުގެ ސަބަބު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ. މަސް ފެކްޓަރީ އެޅުމުގެ ސިޔާސަތު ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވަން ގަސްދު ކުރައްވަންތޯ ވެސް އައްސަވާފައިވެ އެވެ.

މެންބަރުގެ ސުވާލުގައި ފާހަގަކޮށްފައިވާ މައްސަލައަށް މިނިސްޓަރު ލިޔުމުން ފޮނުވި ޖަވާބުގައި ސާފު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ގަަވައިދުގައިވާ ގޮތުން ޕްރޮކިއުމަންޓެއްގެ އަގު ފަސް މިލިއަން ވުރެ ބޮޑުނަމަ އެ މަޝްރޫއު ކުރިއަށް ގެންދެވޭނީ ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައި، ބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

ގައްދޫގައި މަސް ފެކްޓަރީއެއް އެޅުމުގެ ގޮތުން އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނާ ގުޅިގެން ޕްރޮކިއުމަންޓާ ގުޅޭ އެއްވެސް މަސައްކަތެއް ފިނޭންސް މިނިސްޓްރީން ކޮށްފައި ނުވާނެ ކަމަށްވެސް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!