މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓްފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 17.63ރ އަށް އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 22.66ރ އަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިދިޔަ މާރޗުމަހުގެ 6ވަނަ ދުވަހުވެސް މިފްކޯއިން ވަނީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން އޭރު މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 14.44ރ އަށް އަދި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 17.10ރ އަށް ވަނީ ބޮޑުކޮށްފައެވެ.
މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިންވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55ރ އަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 16.77ރ އަށެވެ.
އެސްޓީއޯއިން މީގެކުރިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަންފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތްވަނީ އިތުރަށް ހަލުވިވެފައިވާކަމަށެވެ.