ގުއާޓަމާލާގެ ބީޗަކަށް މަރުވެފައިވާ ގިނަ އަދަދެއްގެ ވެލަ އާއި ކޯމަސް ލައްގައިފިއެވެ.
އެގޮތުން މަރުވެފައިވާ ގާތްގަނޑަކަށް 65 ވާވޮށި ވެލާ ވަނީ ގުއާޓަމާލާގެ ޕެސިފިކް ކޯސްޓުން ފެނިފައެވެ. އަދި މަރުވެފައިވާ 14 ކޯމަސް ފެނިފައިވާއިރު، ގުއާޓަމާލާގެ ކަމާއި ގުޅޭ ވުޒާރާތަކުން ދަނީ މިކަންތައް ތަޙުޤީޤުކުރަމުންނެވެ.ޗ
ވާވޮށި ވެލާއަކީ އެންމެ އާއްމުކޮށް ފެންނަ ވެލާގެ ބާވަތްކަމުގައި ވީ ނަމަވެސް، މިއީ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަވޭޝަން އޮފް ނޭޗަރގެ 'ވަލްނަަރަބަލް' ލިސްޓުގައި ހިމެނޭ ބާވަތެކެވެ. އެގޮތުން މި ބާވަތުގެ ވެލާއަށް އިންސާނުންގެ ފަރާތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާވޮށި ވެލާއަށް ގިނަ ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ.
ގުއާޓަމާލާގެ ކަމާއި ގުޅޭ ވުޒާރާތަކުން މައުލޫމާތުދޭގޮތުން މަރުވެފައިވާ ވެލާއެއް ފުރަތަމަ ފެނުނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހާއި ހަމައަށް މަރުވެފައިވާ ވެލާ އާއި ކޯމަސްތައް ފެނިފައިވާ ކަމަށެވެ. މަރުވެފައިވާ ވެލާ އާއި ކޯމަސްތައް ފެނުނު ސަރަޙައްދުގެ މައުލޫމާތެއް އާއްމުކޮށްފައެއް ނުވައެވެ.
ގިނަ އަދަދެއްގެ ވެލާ އަދި ކޯމަސް މަރުވުމަށް މެދުވެރިވެފައިވާ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ދެކެނީ މިފަހުން އެހިސާބަށް ކުރި ބޯ ވިއްސާރައާއި އެކު މޫދަށް ބައެއް ޓޮކްސިކް ކުނިބުނި ދިޔުމެވެ.
ކޯމަސްތަކާއި ވެލާތައް މަރުވި ސަަބަބެއް ހޯދުމަށް އޭގެ ހަށިގަނޑު ދިރާސާކުރުމަށްވަނީ ހަމެޖެހިފައެވެ.
މަރުވެފައިވާ އިތުރު ކޯމަސްތަކެއް ނުވަތަ ވެލާތަކެއް އެސަރަހައްދުން ފެނޭތޯ ބެލުމުގެ މަސައްކަތްވެސް ވޮލިންޓިއަރުންނާއި ގުޅިގެން އޮފިޝަލުންދަނީ ކުރަމުންނެވެ.