ޑީސެލްގެ އަގު ބޮޑުވެފައިވުމުން ވިއެޓްނާމްގެ ގިނަ އަދަދެއްގެ މަސް ބޯޓުތައް މަހަށް ދިޔުން ހުއްޓާލައިފިއެވެ.
އެގޮތުން އެގައުމުުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މަސް ބޯޓުތައް މަހަށް ދިޔުން ހުއްޓާލާފައިވާ ކަމަށް ޙަބަރު ލިބެއެވެ.
ގިނަ އަދަދެއްގެ މަސް ބޯޓުތައް މަހަށް ދިޔުން ހުއްޓާލުމާއި އެކު އޭގެ އަސަރުތައް ދަނީ އެޤައުމުގެ އިޤްތިސާދަށް ކުރަމުންނެވެ.
ވިއެޓްނާމުގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑު ރޫރަލް ޑިވެލޮޕްމަންޓުން ބުނީ ޑީސެލްގެ އަގު މިދިޔަ އަހަރުގެ ފަހުކޮޅާއި އަޅާ ބަލާއިރު އެތައް ގުނައަކަށް އިތުުރުވެފައިވާ ކަމަށެވެ. އަދި މިއާއެކު މަސް ބޯޓުތަކުން ކުރަންޖެހޭ ޙަރަދުތައް 35-48 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ވަނީ އިތުރުވެފައެވެ.
އަދި މިއާއެކު ވިއެޓްނާމުގައި ސީފުޑުގެ އަގުތައްވެސް ވަނީ އުފުލިފައެވެ. ޤައުމުގެ އިޤްތިސާދަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީންވަނީ މަހަށް ނުފުރާ ބޯޓުފަހަރުތަކުން އުޖޫރައެއްް ދަށްކަން ޖެހޭ ފަދަ ގަވާއިދެއް އެކުލަވާލުމަށް ހުށަހަޅާފައެވެ.
މިދިޔަ އަހަރު ނިމުނުއިރު ވިއެޓްނާމުގައި 91،720 މަސް ބޯޓު ފަހަރު ރެޖިސްޓްރީކޮށްގެން ދުއްވައެވެ.
ވިއެޓްނާމްގައި 600،000 މީހުންގެ އާމްދަނީ ސީދާގޮތުން ގުޅިފައިވަނީ މަސްވެރިކަމާ އެވެ. އަދި ގާތްގަނޑަކަށް 4 މިލިއަން މީހުންނަކީ އެއްގަމާއި ކައިރިން ކުދި ދޯނިތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކެވެ.